އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަނުގެ ފައިނަލަށް ޓައިޓަންސް އާއި ސައިކްލޯން

ފެބްރުއަރީ 25، 2017: ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގެ ތެރެއިން: ވާދަވެރި ކުޅުމަކަށްފަހު ޒިގްޒެގް ބަލިކޮށް، ސައިކްލޯން މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ޓައިޓަންސް ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކުލަބް ދަތުރުކޮށްފިއެވެ.

ޓައިޓަންސް އިން ފައިނަލުން ޖާގަ ހޯދީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީ މައްޗަށް 76-15 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓައިޓަންސް އަށް 24 ޕޮއިންޓް ހޯދައިދިން އެ ޓީމުގެ އައިމިނަތު ޝިއުރާއެވެ.

ސައިކްލޯން ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސައިކްލޯން މި މެޗު ކާމިޔާބު ކުރީ 112-9 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސައިކްލޯން އަށް 21 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލު މެޗުގައި ޓައިޓަންސް ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކުލަބް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގަ އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގައި ޓީރެކްސް އާއި ކިންގްސް ބީސީ ވާދަކުރާ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ މާދަމާރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގަ އެވެ.

comment ކޮމެންޓް