އަބްދުލް ފައްތާޙްގެ 21 އަހަރުގެ ފިލްމު ކެރިއަރުގައި ޑައިރެކްޓްކޮށް، އުފެއްދި ''އެންމެ ވަރުގަދަ ފިލްމު''ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އައި ފިލްމު ''ހައްދު'' މިވަނީ ޕްރިމިއަރކޮށްފައެވެ.
މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދާއި ފައްތާހް ޕްރޮޑިއުސްކޮށް، ދިވެހި ފިލްމީ ދާއިރާގެ ''ރެކޯޑް ބްރޭކިންގ" މޫވީއެއްގެ ގޮތުގައި އިސްތިހާރު ކުރަމުންދިޔަ، ފިލްމު ޕްރިމިއަރ ކުރުމަށް ބޭއްވި "ރަތްދޫލަ" ހަފްލާ އޮތީ، މިއަދު ހަވީރު ޝްވެކް ސިނަމާގައެވެ. ފިލްމު ރަސްމީކޮށް އިފްތިތާހްކޮށް ދެއްވީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމެވެ.
"އަ މޫވީ އަބައުޓް ލިމިޓް"ގެ ގޮތުގައި ފިލްމުގެ ޓްރެއިލަރ ތަކާއި ޓީޒާތަކުން ފެނިގެން ދިޔަ، ހައްދުގައި ފެނިގެން ދަނީ، ހއ. ކެލައަށް ނިސްބަތްވާ ޔުސްރާ ކިޔާ އަންހެން ކުއްޖަކު (މަރިޔަމް އައްޒަ) މާލޭގައި ތައުލީމު ހާސިލްކުރުމަށް ފަހު އޭނާގެ ރަށަށް ކުރާ ދަތުރުމަތީގައި ދިމާވާ، އަލީ ނަމަކަށް ކިޔާ "ބަސްމަދު" ޒުވާނެއް (އަހްމަދު ޝިބާން) އާ ދިމާވެގެން އެ ދެމީހުންގެ ދެމެދުގައި އުފެދޭ ގުޅުމެވެ. ނަދުރެއް ފުއްދުމަށް ހއ. އުތީމަށް ދިއުމުގެ ބޭނުމުގައި އަލީ ކުރާ ދަތުރަކީ، ކެލާ ބޯޓެއްގައި ކުރާ ދަތުރަކަށް ވުމުން އޭނާ އުތީމަށް ދެވެންދެން މަޑުކުރަނީ ކެލާގައެވެ. އަދި އެ މަޑުކުރާ ދުވަސްކޮޅުގައި ޔުސްރާއާ އަލީއާ ދެމެދު ގާތް ގުޅުމެއް އުފެދެއެވެ. އަދި ފެށުނީއްސުރެން ވެސް މަޖާ މިޒާޖެއްގައި އުޅެމުން އައި ޔުސްރާގެ ދިރިއުޅުން ހަމަހިމޭންކަމަށް ބަދަލުކޮށްލައެވެ.
ފިލްމުގެ ލީޑުން ދެން ފެނިގެން ދަނީ، މާލޭގެ މުއްސަނދި އާއިލާއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު ޒަމްހާ (އައިމިނަތު ރިޝްފާ)އާ، އޭނާގެ އުފާވެރި ޒަވާޖީ ހަޔާތުގެ ބައިވެރިޔާ އާޒިމް (އަހްމަދު ފައިރޫޒް)ގެ އެ އުފާވެރި ދިރިއުޅުން ހުއްޓުމަކަށް އަންނަ އަސަރު ގަދަ ހާދިސާއެވެ. 132 މިނިޓްގެ ދިގު މި ފިލްމުގައި ފެންނަ މަންޒަރު ތަކުގެ ތެރޭން، މި "ސްޓަންޓަކީ'' ބަލަންތިބި ގިނަ ބަޔަކު ހަމަ ރަނގަޅަށް ސިއްސުވާލި މަންޒަރެކެވެ.
ފައްތާހުގެ 12 ވަނަ ފީޗަރ ފިލްމުގައި ދިވެހީންގެ އާދަކާދައާއި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. އަދި ރާއްޖޭގެ ރީތިކަންވެސް އެހާމެ ފުރިހަމައަށް ދައްކުވައިދީފައި ވެއެވެ. ޔުސްރާގެ މަންމަ (ފައުޒިއްޔާ ހަސަން) އާއި އޭނާގެ ދެ ރަހްމަތްތެރީންގެ މެދުގައި ދަރީންނަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކެއްގައި އުފެދޭ ރުޅިވެރިކަމަކީ، ދިވެހި މުޖްތަމައުގައި ވަރަށް އާންމު މައްސަލައެކެވެ. އަދި ކުރީ ޒަމާނުގެ އާދަކާދަ ތަކުގެ ތެރޭގައި ހިމެނޭ ނަދުރު ބުނުމާއި ނަދުރު ފުއްދުމުގެ ސަގާފަތްވެސް ފުރިހަމައަށް ދައްކާފައިވެއެވެ.
ފިލްމުން ފާހަގަވި ރަނގަޅު ކަންތައްތަކަށް ބަލާލާއިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މުޖުތަމައަށް ދޫކުރި ރީތި މެސެޖެވެ. މާފުކުރުމުގެ މާތް ކަމާއި، ކުށެއް ކުރެވުމުން އިތުރު އެހެން ކުށެއް ނުކޮށް ތައުބާވުމުގެ ހެޔޮކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ.
ޕްރިމިއާގައި ފައްތާހު ފާހަގަކުރި ގޮތަށް، މިއީ އާދައިގެ ވާހަކައެއް ކަމަށްވިޔަސް ޕްރެޒެންޓޭޝަން ތަފާތެވެ. އަދި މިއީ ކޮންމެ އަންހެނަކާއި ފިރިހެނަކަށްވެސް އެއިން އިބްރަތްތަކެއް ލިއްބައިދޭނެ ފިލްމެކެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ކިތަންމެ ރަނގަޅަށް ކޮށްފައިވާ މަސައްކަތެއްވެސް އިތުރަށް ފުރިމަކޮށްލެވޭނެ ޖާގަ އޮންނާނެއެވެ. އެގޮތުން ފިލްމުގެ "އައިޓަމް ސޯންގ" ކިތަންމެ ފުރިހަމަޔަސް، އެލަވަ އަންނަނީ އެންމެ މުނާސަބު ވަގުތުގައި ކަމަކަށް ބައެއް ބެލުންތެރީން ގަބޫލެއް ނުކުރެއެވެ. އަދި ފިލްމު ނިމިގެންދިޔަ އިރުވެސް ޖަވާބު ނުލިބޭ ދެތިން ސުވާލެއް އޮތްކަން ފާހަގަ ކުރެއެވެ.
މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ ކިޔާދީފައިވާ، މި ފިލްމުގެ ލަވަތަކަކީ ފިލްމުގެ ސްޓޯރީއާ ވަރަށް ބޮޑަށް ގުޅުވައިގެން ހަދާފައިވާ، އަޑު އަހާލަން ފަސޭހަ ރީތި ލަވަތަކެކެވެ.
އައްޒަގެ އެކްޓިންއަށް ސަތޭކަ ދޭހާވެއެވެ. އެހެން ތަރިންގެ އެކްޓިން ވެސް ފުރިހަމައެވެ. ދޭތެރެ ދޭތެރެއިން ލޮނު ހެޔޮވަރުކޮށް ލުމަށްޓަކައި ހެއްވާ މަޖާ ޑައިލޮގްތައް ހިމަނާފައިވެއެވެ. މޭކަޕްތަކާއި ހެދުންތައްވެސް ސީންތަކާ ގުޅުވާފައި ހުރިކަން ފާހަގަ ކުރެވުނެވެ.
ފިލްމުގައި ފެނިގެންދާ އިތުރު މޫނުތަކުގެ ތެރޭގައި މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ)، ގުލިސްތާން މުހައްމަދު (ގުލީ)، އަލީ ފާރޫގް، މަރިޔަމް ހަލީމް، މުފުލިހާ، މުހްސިނާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ނަޖާހް ހިމެނެ އެވެ.
ފިލްމު ޕްރިމިއާ ކުރެވިގެން ދިޔައީ "ރެކޯޑް ބްރޭކިންގ މޫވީ އެއް"ގެ ގޮތުގައެވެ. ފިލްމުގެ ވީޑިއޯ ކޮލިޓީއާއި ސައުންޑުވެސް ވަރަށް ފައްކަލެވެ.
ފައްތާހު ބުނި ގޮތުގައި މި ފިލްމަކީ "ފިލްމީ ދާއިރާގެ ބެންޗްމާކް. އެއީ ތިޔަބޭފުޅުންގެ ވަށައިގެން އަޑުއިވޭ ސްޓީރިއޯ ސައުންޑް 5.1 ސައުންޑާ އެކު ހަދާފައިވާ ފުރަތަމަ ދިވެހި ފިލްމު"އެވެ. މިކަމަށްޓަކައި ފައްތާހުވަނީ ސާޖީ، މަހުދީ އަދި މިސްޓީ އަދި މުޅި ޓީމަށް ޝުކުރު އަދާ ކޮށްފައެވެ.
ފިލްމުގެ އިބްރަތްތެރި ވާހަކައިގެ އިތުރުން އުތީމާއި ކެލާގެ ރީތި މަންޒަރުތަކާއި އެ ދެރަށުގެ ޚާއްސަ އަދި މުހިންމު ބައެއް މައުލޫމާތުތައްވެސް މި ފިލްމުގެ ޒަރީއާއިން ފައްތާހުވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ފިލްމުގެ ޕްރިމިއަރ ޝޯގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި "މި ފިލްމު ހަމަ ވަރަށް ފައްކާ" އެވެ. އެކަމަކު ރެކޯޑް ބްރޭކިންގ މޫވީއެއްކަން އެނގިގެން ދާނީ، ފިލްމުގެ ކުރިއަށް ހުރި ޝޯތަކާއެކު ގިނަ ބެލުންތެރީން ފިލްމު ބެލުމަށްފަހު އަންނަ ފާޑުކިޔުންތަކާވެސް އެކުގައެވެ.