ސޫޗީ އާއި މޯދީ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މިޔަންމާގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީ -- ފޮޓޯ: ޓުވިޓާ

ނައިޕީޑޯ (ސެޕްޓެމްބަރު 6): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިޔަންމާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީއާ ބައްދަލުކުރައްވައިފި އެވެ.

މިޔަންމާގެ ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންގެ ހާލަތަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައި މޯދީ އާއި ސޫޗީ ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އެގައުމުގައި ވެރިކަން ކުރާ ފަރާތްތަކުގެ ހިތްވަރުގަދަ ކަމަށް ތައުރީފު ކުރައްވައިފައެވެ.

މޯދީ ވިދާޅުވި ގޮތުގައި ހައްދުފަހަނައަޅާފައިވާ މީހުންގެ ސަބަބުން ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް ދިމާވެފައިވާ ދަތިތަކާ މެދު އިންޑިއާއިން ވެސް ކަންބޮޑުވެ އެވެ. އަދި އެމައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މިޔަންމާގެ ރައީސް ޓިން ޗޯ ބައްދަލުކުރައްވަނީ -- ފޮޓޯ: ޓުވިޓާ

މީގެ އިތުރުން މޯދީ ވަނީ މިޔަންމާގެ ރައީސް ޓިން ޗޯއާ ބައްދަލުކުރައްވައި، މިޔަންމާ އާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރި އާއި ސަލާމަތީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

މިޔަންމާގެ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކުން ސަލާމަތްވުމަށް އެގައުމު ދޫކޮށް ބަންގުލަދޭޝަށްދާ މުސްލިމުންގެ އަދަދު ފާއިތުވި ދުވަސްތަކުގެ ތެރޭގައި 125،000ށް ވުރެ އިތުރުވެފައިވާ ކަމަށް ޔޫއެންއެޗްސީއާރުން ބުނެ އެވެ. އަދި އެދަނޑިވަޅުގައި އިންޑިއާއިން ވަނީ އެގައުމުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަކީ ގަވާއިދާ ހިލާފަށް އެގައުމަށް އެތެރެވެފައިވާ ބަޔެއް ކަމަށް ބުނެ، އެމީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

މިޔަންމާ އަސްކަރިއްޔާގެ އަމަލުތަކަށް ދުނިޔޭގެ ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެކަމާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވި ސޫޗީ ވަނީ ރަހީން ސްޓޭޓާ ބެހޭ ގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނާ ފޯނުން ވާހަކަ ދައްކަވާފައެވެ. ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީ ވިދާޅުވި ގޮތުގައި ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެވެ. އަދި އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު ހިންގާ ކަމެކެވެ.

comment ކޮމެންޓް