އިންޑިއާގައި އުޅޭ ރޮހިންޔާ ރެފިއުޖީން ހޯދައި ޑީޕޯޓް ކުރަނީ

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ރޮހިންޔާ މުސްލިމުތަކެށް އެތެރެވަނީ --- ފޮޓޯ/ އޭޕީ

ނިދު ދެއްލީ - އިންޑިއާގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ ގަވާއިދާ ހިލާފަށް އެގައުމަށް އެތެރެވެފައިވާ ހިޖުރަވެރިން ކަމަށާއި އެމީހުން ހޯދައި، ދެނެގަނެ ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ރޮހިންޔާ ރެފިއުޖީންނާމެދު އަމަލު ކުރާނީ ކިހިނެތްތޯ ޕްރެސް ކޮންފަރެންސެއްގައި ސުވާލުކުރުމުން އިންޑިއާގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރެން ރިޖުޖޫ އިއްޔެ ވިދާޅުވީ، ރޮހިންޔާ ރެފިއުޖީން ހޯދުމަށް ސަރުކާރުން އެކި ސްޓޭޓްތަކުގައި ޓާސްކް ފޯސްތަކެއް ގާއިމް ކުރަމުންދާ ކަމަށެވެ. އަދި އެކަން ނިމުނުހާ އަވަހަކަށް ޑީޕޯޓް ކުރަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރޮޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅު ހަރުކަށި އުސޫލުތަކެއް އިންޑިއާއިން ގެންގުޅޭކަމަށް ބުނެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދައްކަނީ ދެކޮޅު ނުޖެހޭ ބޭނުމެއް ވާހަކަތަކެއް ކަމަށެވެ.

"ރޮހިންޔާ މީހުންނަކީ އިންޑިއާގައި ދިރިއުޅެމުންދާ ގަވާއިދާ ހިލާފު ހިޖުރަވެރިން. އަދި އެމީހުން މިގައުމުގައި އުޅުމުގެ އެއްވެސް ކަހަލަ ހުއްދައެއް ގަވާއިދެއް ނެތް. އެހެންކަމުން ރޮހިންޔާ މީހުންނަށް ހަރުކަށި ވާކަމަށް ބުނެ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދައްކާ ވާހަތަކަކީ އިންޑިއާގެ ބޮލުގައި އަޅުވަން އުޅޭ ބޭނުމެއް ނެތް ތުހުމަތުތަކެއް،" ސްޓޭޓް މިނިސްޓަރު ރިޖުޖޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރޮހިންޔާ މީހުން ހޯދަނީ އެމީހުން ކަނޑަށް އަޅާލަން ނުވަތަ އެމީހުން މެރުމަށް ނޫން ކަމަށާއި އެމީހުން ދެނެގަނެ ޑީޕޯޓް ކޮށްލުމަށް ކަމަށެވެ. އަދި އެކަމުގައި އިންސާނިއްޔަތުކަމެއް ނެތް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ސްޓޭޓް މިނިސްޓަރަކު އެގޮތަށް ވިދާޅުވެފައި މިވަނީ، އިންޑިއާގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުން ހިމާޔަތްކޮށް އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ، އެމްނެސްޓީ އިންޓަނޭޝަލް އިން އިންޑިއާގެ ބޮޑުވަޒީރު ނަދެންދްރާ މޯދީ އަށް ގޮވާލާފައިވާތީ އެވެ.

އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިޔަންމާއަށް ރަސްމީ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާއިރު އެމްނެސްޓީން ވަނީ، މޯދީ ސަރުކާރުގެ ލީޑާޝިޕުން ރޮހިންޔާ ރެފިއުޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުންނެވެ.

ސްޓޭޓް މިނިސްޓަރު ރިޖުޖޫގެ އިތުރުން ބޮޑުވަޒީރު މޯދީގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ޖިތެންދުރާ ސިންގ ވެސް ވަނީ ރޮހިންޔާ މުސްލިމުން ޑީޕޯޓް ކުރަންޖެހޭ ކަމަށާއި އެއީ އެކަމުގައި ދެބަސް ވެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރޮހިންޔާ ރެފިއުޖީންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ގޮވާލަމުން ގެންދާއިރު ރޮހިންޔާ މުސްލިމް ދެ ރެފިއުޖީއަކު ވަނީ އިންޑިއާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުން މިޔަންމާއަށް ޑީޕޯޓް ކޮށް ނުލުމަށް އެދި އެގައުމުގެ ސުޕްރީމް ކޯޓުގައި އެދިފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓަށް އިއްޔެ ވެއްދި މައްސަލާގައި، މައްސަލަ ވެއްދި ރޮހިންޔާ ދެ މުސްލިމުން ބުނެފައިވަނީ، މިޔަންމާއަށް އެމީހުން ޑީޕޯޓް ކޮށްލައިފިނަމަ އެމީހުންނާ ކުރިމަތިލާންޖެހޭނީ މަރާ ކަމަށާއި އެހެންކަމުން މައި ސަރުކާރުގައި އެމީހުން ޑީޕޯޓް ކޮށް ނުލުމަށް އެދިފައެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަން (ޔޫއެންއެޗްސީއާރު)ގެ ރަޖިސްޓްރީ ދައްކާގޮތުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ރޮހިންޔާ ދަރިކޮޅުގެ ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅެއެވެ. (ޓައިމްސް އޮފް އިންޑިއާ)

comment ކޮމެންޓް