ރޮހިންޔާ މުސްލިމުނާ ބެހޭ ގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަ: ސޫޗީ

މިޔަންމާގެ ސްޓޭޓް ކައުންސިލަ އޮފް މިޔަންމާ އައުން ސަން ސޫޗީ --

ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު ހިންގާ ކަމެއް ކަމަށް ސްޓޭޓް ކައުންސިލަ އޮފް މިޔަންމާ، އަން ސަން ސޫޗީ ވިދާޅުވެއްޖެ އެވެ.

ރޮހިންޔާ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ސޫޗީ ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. ތުރުކީގެ ރައީސް ތައްޔިބް އުރުދުގާނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ސޫޗީ ވިދާޅުވެފައިވަނީ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރަން މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

" އަހަރެމެންނަށް ރަނގަޅަށް އެނގޭ، އެހެން މީހުންނަށްވުރެ ބޮޑަށް އެނގޭ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ކޮބައިކަން އަދި ޑިމޮކްރަސީން ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ކޮބައިކަން،" ސޫޗީ ވިދާޅުވި އެވެ.

" އެހެންވީމަ އަހަރެމެން ޔަގީންކަން ދެން މިގައުމުގެ ހުރިހާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަން. ހަމަ އެކަނި ސިޔާސީ ގޮތަކުން ނޫން އިޖްތިމާއީ އިންސާނީ ހައްގުގެ ދިފާއުގައިވެސް،" ސޫޗީ ވިދާޅުވި އެވެ.

ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކުގެ ފާޑު ކިޔުން ސޫޗީއަށް ވަނީ އަމާޒުވެފައެވެ.

ސުލްހައިގެ އިނާމު ލިބިފައިވާއިރު ސޫޗީގެ އަމަލުތައް ހުރިގޮތުން ރުޅިގަދަވެ ސޯޝިއަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

އުރުދުގާނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ސޫޗީ އިތުރަށް ވިދާޅުވެފައިވަނީ ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައްވެސް ދައްކަމުންދާ ކަމަށެވެ. އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރުމަށް ބަޔަކު ދައްކަމުންދާ ވާހަކަތަކެއް ކަމަށްވެސް ސޫޗީ ވިދާޅުވި އެވެ.

އަދި ވިދާޅުވެފައިވަނީ ރާހިން ސްޓޭޓާ ހަމައަށް ޓެރަރިޒަމް ފެތުރުނަ ނުދިނުމަށް މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުން ސަލާމަތްވެ އެތައް ބަޔަކު އެގައުމު ދޫކޮށް އަވަށްޓެރި ބަނގުލަދޭޝަށް ހިޖުރަކުރަމުންދާއިރު، ބަނގުލަދޭޝްގެ ހުޅަނގުގައި ހަދާފައިވާ ވަގުތީ ކޭމްޕުތައް ވަނީ ފުރިގެން ގޮސް ތޮއްޖެހިފައެވެ.

ބޮޑުވަޒީރު ހަސީނާގެ އެޑްވައިޒަރު އިމާމް ވެސް ވިދާޅުވީ، ބަނގުލަދޭޝަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރެފިއުޖީންނަށް އެކަށީގެންވާ ޖާގަ ނެތުން ކަމަށެވެ. އަދި ބަނގުލަދޭޝްގެ ސްކޫލްތަކާއި މަދަރުސާތަކުގައި ރެފިއުޖީން ނުބޭތިއްބޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް