އަޟްހާ އީދުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އީދުގެ އުފާ ފާހަގަ ކުރުމަށް އެތައް ބައިވަރު ހަރަކާތްތަކެއް ހިންގާފައިވާއިރު އެންމެ ގިނަ ބަޔަކު ފޯރީގައި ކުޅެފައި ވަނީ މާލި ނެރުމެވެ. ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި ކުޅެވެމުން އައި މި ސަގާފީ ކުޅިވަރު ޒަމާނީވެ ބައެއް ރަށްރަށުގައި ސިޔާސީ މެސެޖް ދޭ ވަސީލަތަކަށް މާލިތައް ބަދަލުވިއިރު ބައެއް މާލިތައް މެދުވެރިކޮށް އިޖްތިމާއީ މެސެޖުތައް ވެސް ވަނީ ދީފައެވެ.
ޅ. އަތޮޅު ނައިފަރުގައި ކޮންމެ އަހަރަކު ވެސް އީދު ފޯރި ވަރަށް ދަގައަށް ފާހަގަ ކުރަމުންދާއިރު މި ފަހަރު އެ ރަށުން ނެރުނު މާއްޔަކަށް ވަނީ ބޮޑު ސަމާލު ކަމެއް ލިބިގެން ގޮސްފައެވެ. އެ ރަށު ބަހުރުވައިން ލިޔެފައިވާ ބޯޑެއް ހިފަހައްޓައިގެން ހުރި މާއްޔަށް އެއް ބަޔަކު ކުނި މާލިގެ ނަން ދިންއިރު އަނެއް ބަޔަކު އެ މާލި ސިފަ ކުރީ މޫދު ކުނި މާލީގެ ގޮތުގައެވެ.
މާލި ތައްޔާރު ކުރީ އަންހެން ކަނބަލެއް، ސްވިމިންގ ކޯޗެއް
"އަޅޭ މޫދަށް ކުނި ނާޅޭ ބަލާށޭ" ޖަހާފައިވާ ބޯޑެއް ހިފަހައްޓައިގެން ހުރި މި މާއްޔަށް ސޯޝަލް މީޑީއާގައި ބޮޑު ސަމާލު ކަމެއް ލިބިގެން ދިޔައިރު އެ މާލި ތައްޔާރު ކުރީ މޫދާއި ދޯޅު ގުޅުމެއް އޮންނަ "ސްވިމިން" ކޯޗެކެވެ. އެ މާލީގެ މޭސްތެރިއަކީ ނައިފަރަށް ނިސްބަތްވާ ހަދީޖާ އީސާ (ހައްޖަ)އެވެ. އޭނާއަކީ ކޮންމެ ދުވަހަކު މޫދަށް އަޅާ ކުނީގެ ސަބަބުން ތުރާލާއި ކުރިމަތިވަމުންދާ ގިނަ ދިވެހިންގެ ތެރެއިން ދިވެއްސެކެވެ.
"އަސްލު ހަމަ ހަގީގަތަށް މި ބުނީ. ވަރަށް އުނދަގޫވޭ މޫދަށް ކުނި އަޅާފައި ހުންނާތީ. މާލެ ކައިރިއަށް ކުދިން ގޮވައިގެން ފަތަން ދަސްކޮށްދޭން ދާއިރު އެންމެ ދުވަހެއްވެސް ނުދާނެ ކުނީގެ އުނދަގޫ ނުޖެހޭ. އަސްލު މީހުން ހިތަށް ނާރަނީ މޫދަށް އަޅާ ކުންޏަށް ފަހުން ވަނީ ކީއްބާއޭ،" ހައްޖަ ބުންޏެވެ.
މާލި ހަދަން ބޭނުންކޮށްފައި ހުރީ ނައިފަރު ގޮނޑު ދޮށުން ހޮވި ކުނި
ހައްޖައަށް މި މެސެޖް ފޯރުކޮށްދޭނެ ތަފާތު ގޮތެއް ނޭނގިފައި ހުއްޓާ އީދާ ދިމާކޮށް ނެރޭ މާލި ތަކުގެ ތެރޭގައި މޫދަށް އަޅާ ކުނިން ހަދާފައި ހުރި މާއްޔެއް ހެދުމަކީ ތަފާތު ކަމެއްގެ ގޮތުގައި އޭނާއަށް ފާހަގަވެ އެ މަސައްކަތް އުފަން ރަށް ނައިފަރަށް ގޮސް އޭނާ މަސައްކަތް ފަށައިގަތެވެ.
ހައްޖަ ކިޔައިދިން ގޮތުގައި މާލީގައި ބޭނުންކޮށްފައި ހުރި ކޮންމެ އެއްޗަކީ ވެސް އޭނާ އުފަން ރަށް ނައިފަރުގެ ގޮނޑު ދޮށަށް ލައްގާފައިވާ ކުންޏެވެ. އަދި އެއީ އާންމު ގޮތެއްގައި ކޮންމެ ރަށެއްގެ ގޮނޑު ދޮށުން ފެންނަ ކުނި ކަމަށާއި އެ ކުނިތައް ބޭނުން ކޮށްގެން މާއްޔެއް ތައްޔާރު ކުުރުމުގައި އޭނާގެ ދެ ބޭބެއިންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ހައްޖަ ބުންޏެވެ.
"މުޅިން ވެސް ބޭނުންކޮށްފައި އެ ހުރީ ނައިފަރު ގޮނޑު ދޮށުގައި ހުރި ކުނި. ޕްލާސްޓިކް ފުޅި އާއި ނެޕީ ފަދަ އެއްޗިސް އެއީ ހަމަ އެތަނުން ހޮވައިގެން ގެނެސް މާލި ހެދިއިރު ބޭނުންކޮށްފައި ހުރި އެއްޗެހި،"
ހައްޖަ ދޭން ބޭނުންވާ މެސެޖް ސާފު "އަޅޭ މޫދަށް ކުނި ނާޅޭ ބަލާށޭ"
ލައިފްގާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި މަސައްކަތް ކުރާ ޒުވާން ކޯޗު ބުނީ އޭނާ މުޖްތަމައު އަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖް ވަރަށް ސާފު ކަމަށެވެ. އާދޭހާ އެކު ބުނަން ބޭނުންވަނީ މޫދަށް ކުނި އެޅުން ހުއްޓާލާށޭ ކަމަށެވެ.
"ރަށު ބަހުން އެ މެސެޖް ދިނީ އަސްލު ދިވެހިންނަށް ވަރަށް ކަމުދާ ވަރަށް މަޖާ ބަހުރުވައެއް އެއީ ނައިފަރު ބަސް. ހިތަށް އެރީ އެ ބަހުން މެސެޖް ދެވިއްޖެއްޔާ ގިނަ ަބަޔަކު އެ ހަނދާން ހުންނާނޭ. ވަރަށް އުފާވި ގިނަ ބަޔަކު އަޅުގަނޑު ދިން މެސެޖް ބަލައިގަތީމަ،" ހައްޖަ ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަތަން ދަސްކޮށްދިނުމަށް ހަރަކާތެރިވާ ކޯޗު ބުނީ އޭނާގެ މެސެޖަކީ ޖުމުލަ ގޮތެއްގައި އެންމެންނަށް ދިން މެސެޖެއް ކަމަށެވެ. ދިވެހިން ޝައުގުވެރިވާ ގޮތަށް އެ މެސެޖު ދިނުމުގެ ބޭނުނަމަކީ ވެސް ދިވެހިންނަށް ކަމުގެ މުހިއްމުކަން އަންގައިދިނުން ކަމަށް ހައްޖަ ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުގައި ފާހަގަ ކުރި އީދާ ގުޅުވައިގެން ދިވެހިންގެ ސަމާލުކަމަށް ހައްޖަ ގެނައި މެސެޖަކީ އޭނާ ބުނާ ގޮތަށް ދިވެހި ރާއްޖެ ފަދަ ކަނޑު ރޯއްޖަށް ބިނާވެފައިވާ ގައުމަކަށް މުހިއްމު މެސެޖެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިއްކަން އޮތް އެއްޗަކީ ފަރުތައް ކަމަށް ވާއިރު އަދި ބަނޑު ފުރާނަ މުއްތިކުރަން އޮތް ވަސީލަތަކީ ކަނޑުން ލިބޭ ރޯދި ކަމަށްވާއިރު އެ ކަނޑު "ކުނި މާއްޔަކަށް" ބަދަލުވާކަށް އެކަކުވެސް ބޭނުމެއް ނުވާނެ ކަން ކަށަވަރެވެ.