އަމީނިއްޔާ ސްކޫލުގެ 26 އަހަރުވީ ހައިވަކަރު ގަހަށް ބަހާރު މޫސުން އައިސްފައި

އަމިނީއްޔާގައި ހުރި ހައިވަކަރު ގަސް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައިވަކަރު ގަހަކީ ދިިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ކަންކަން އޭގެން ވުޖޫދަށް އައިސްފައިވާ ގަސްތަކުގެ ތެރެއިން މުހިންމު ގަހެކެވެ. ދިވެހި ތާރީހުގައި ކޮށްފައިވާ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ރަމްޒެއް ފެންނަން އޮތީ މި ދެންނެވި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ހައިވަކަރޭ ބުނުމުން ހިތަށް ސިފަ ވަނީ މޮޅު އެއްޗެއްގެ ގޮތުގަ އެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ހައިވަަކަރަކީ ފިސާރި މޮޅު އުމުރު އެހައިމެ ދިގު އެއްޗެކެވެ.

ޒަމާނުއްސުރެ މުހިންމު ބޭނުންތަކަށް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހައިވަކަރު ގަހަކީ މިއަދުގެ ޖީލުގެ ލޮލުން އެ ގަސް ފެންނަ ގަހެއް ނޫނެވެ. ގިނަ ކުދިންނަށް އިވޭނީ ހައިވަކަރު ގަހޭ ނުވަތަ ހައިވަކަރޭ ކިޔާ އަޑެވެ. އެ ގަހަކީ ކިހިނެއް ހުންނަ ގަހެއް ކަމެއް އެނގޭނެ ހެނެއް ހިއެއް ނުވެ އެވެ. އަދި ވެރިރަށް މާލޭގައި އެފަދަ ގަހެއް ހުރެދާނެ ކަމަށް ބަޔަކު ފަހަރުގައި ގަބޫލު ވެސް ނުކޮށްފާނެ އެވެ.

މާލޭގައި 26 އަހަރުވީ ހައިވަކަރު ގަހެއް އެބަހުއްޓެވެ. އެ ގަސް ހުރީ ރާއްޖޭގެ އަންހެން ކުދިން ތައުލީމު ހާސިލް ކުރުމަށް ހައްސަކޮށްގެން މީގެ އެތައް އަހަރެއް ކުރިން ކިޔަވައިދެމުން އަންނަ އަމީނިއްޔާ ސްކޫލްގަ އެވެ. ޗާނދަނީމަގުން ބޭރަށް ފެންނަ ގޮތަށް އިސްކޮޅަށް ދެމިލާފައި، ފަތް ނުފެންނަ ވަރަށް މާ އަޅައި ބަރާވެފައި މިހާރު އެހުރީ ހައިވަކަރު ގަހެކެވެ. އަމީނިއްޔާ ކުދިންނަށް އެ ގަހަކީ ހައިވަކަރު ގަހެއް ކަން އެނގުނު ނަމަވެސް ޒުވާން ޖީލުގެ ގިނަ ކުދިންނަށް އެއީ ހައިވަކަރު ގަހެއް ކަން ނޭނގިދާނެ އެވެ.

ގަސް އިންދެވީ އަމިނީއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޖަމީލާ އަލީ

އަމީނިއްޔާ ސްކޫލުގައި ހުރި ހައިވަކަރު ގަހަށް ބަހާރު މޫސުން އައިސް ރީތި މާތަކުން އެ ގަސް ފަރިވެފައި ހުރިތަން ފެނުމުން އެ ގަހުގެ ތާރީހު ހޯދަން ހިތުގައި ޝައުގުވެރިކަން އުފެދިއްޖެ އެވެ. ގަހުގެ ތާރީހަކީ ކޮބައިތޯ ބަލަން އަމީނިއްޔާ ސްކޫލަށް ގުޅައިލުމުން ދިނީ އެ ސްކޫލުގައި އުޅޭތާ 26 އަހަރުވެފައިވާ ލީޑީންގް ޓީޗަރު އަބްދުﷲ އަހްމަދުގެ ނަންބަރެވެ.

އަބްދުﷲ އަހްމަދު ވިދާޅުވީ އެ ގަހަކީ ގާތް ގަނޑަކަށް 26 އަހަރުވެފައިވާ ގަހެއް ކަމަށާއި ގަސް އިންދެވީ އޭރުގެ ޕްރިންސިޕަލް އަދި މިހާރު ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ކަމަށެވެ.

"އޭރުގެ ޕްރިންސިޕަލް ޖަމީލާ އަލީ އިންދެވި ގޮފި ކޮޅެއް އެއީ. އެކަމަނާ ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރޭ ބަގީޗާ ހައްދަވަން. އެގޮތުގެ މަތިން އިންދެވި ގޮފި ކޮޅެއް އެއީ،" އަބްދުﷲ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި މާއަޅާ ބަރާވޭ، ގިނަ ބަޔަކު ގަހުގެ ހިކި ފަތް ހޯދަން އާދޭ

އަބްދުﷲ ވިދާޅުވީ ގަހުގައި ކޮންމެ އަހަރަކު ވެސް ގިނަ އަދެއްގެ މާ އާޅާ ކަމަށާއި އަދި އެ ގަސް ދެގޮތެއް ނުވެ އެގޮތަށް ބެހެއްޓޭތޯ ސްކޫލުން މަސައްކަތް ކުރާ ކަމަށެވެ. ރާއްޖޭގެ ސަގާފަތާއި ގުޅިފައިވާ މުހިންމު ގަހެއް އަމިނީއްޔާ ސްކޫލުގައި ހެދި ބޮޑުވެގެން އައުމަކީ އެކަމަށް ސްކޫލުގެ ދަރިވަރުން ވެސް އުފާ ކުރާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ ގަހުގައި މާއަޅާ ބަރާވައިރު އެ މަލުން ކުރެވޭ މާބޮޑު ބޭނުމެއް ނޭނގުނަސް ގިނަ އަދެއްގެ ބަޔަކު އެ ގަހުން ވެރޭ ފަތް ހޯދުމަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ފަތް ގެންދާ މީހުން އެ ފަތުގެ ބޭނުން ކުރަނީ ގަސް ކާނާއެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހައިވަކަރު ގަހަކީ އާބާދީ މަދު ގަހެއް

އިހުޒަމާނުގައި ހައިވަކަރުން ހަދާފައި ހުންނަ އެއްޗެއްސަކީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު އަދި އޭގެ އަގު ވެސް ފިސާރި ބޮޑު އެއްޗެކެވެ. ހައިވަކަރުން ހަދާފައިވާ އެއްޗެއް މިލްކިއްޔާތުގައި އޮތުމަކީ ފަހުރެއް ކަމަށް އޭރު ދިވެހިން ގަބޫލު ކުރިއެވެ.

ނަމަވެސް މިއަދު ހައިވަކަރު ގަހުގެ އާބާދީ މިވަނީ ކަންބޮޑުވާ ދަރަޖައަށް މަދުވެފަ އެވެ. އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހައިވަކަރު ގަހަކީ ރާއްޖޭގައި ވަރަށް މަދު ވަމުން އަންނަ ގަހެއް ކަމަށާއި އެ ގަސް ރައްކާތެރި ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. ތިމާވެށީގެ ގޮތުން އެފަދަ މުހިންމު ގަސްތައް ހިމާޔަތް ކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން 50 އަހަރުން މަތި ވެފައިވާ މިފަދަ ގަސްތައް މިހާރު ވެސް ހިމާޔާތް ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް