ދިވެހިރާއްޖޭގައި ކްރިކެޓަކީ ވަރަށް ދިގު ތާރީޚެއް އޮތް ކުޅިވަރެކެވެ. ނަމަވެސް، މި ކުޅިވަރުގެ ތެރެއިން މިއަދު ފެންނަ އެންމެ އުންމީދީ އަދި ނަމޫނާ މަސައްކަތަކީ މިލާން ކްރިކެޓް އެކެޑަމީ (އެމްސީއޭ) އެވެ.
2009 ވަނަ އަހަރު އުފަންވި މި އެކެޑަމީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، ވިޔަފާރީގެ އެއްވެސް މަގްޞަދެއް ނެތި، ފާއިތުވި 17 އަހަރު ދުވަހު "ޒީރޯ ފީ" ނުވަތަ އެއްވެސް އުޖޫރައެއް ނުނަގައި ކުޅުންތެރިން ތަމްރީނުކޮށްދިނުމެވެ.
މިއީ ހަމައެކަނި ތަމްރީނު ދިނުމެއް ނޫނެވެ؛ ކުޅުންތެރިންނަށް ބޭނުންވާ އަގުބޮޑު ކްރިކެޓް ކިޓާއި، މެޗުތަކަށް ބޭނުންވާ ޖަރޒީވެސް ފޯރުކޮށްދެނީ މުޅިން ހިލޭއެވެ. މިލާންގެ މި ދީލަތި އުޞޫލަކީ ރާއްޖޭގެ އެހެން އެއްވެސް ކުޅިވަރު އެކެޑަމީއަކުން ފެންނަން ނެތް ފަދަ، ކުޅިވަރަށް އޮތް އިޚްލާޞްތެރި ލޯތްބެއްގެ މިސާލެކެވެ.
ފަރުހަތު ޖަލީލާއެކު ކްރިކެޓުގެ ހިދުމަތްތެރިން--
މި މަތިވެރި މަސައްކަތުގެ ބާނީއަކީ ރާއްޖޭގެ ކްރިކެޓްގެ ލެޖެންޑެއް ކަމަށްވާ ފަރުހަތު ޖަލީލެވެ. އޭނާއަކީ 1984 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ސްކޫލް ކްރިކެޓް ޓީމު އެކުލަވާލިއިރު އެ ޓީމުގެ ކެޕްޓަނެވެ. 1996 އާ ހަމައަށް ޤައުމީ ޓީމަށް ކުޅުއްވައި، ފަހުން ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްޓަރީކަމާއި ވައިސް ޕްރެޒިޑެންޓްކަންވެސް ކުރެއްވި ފަރުހަތަކީ އޮސްޓްރޭލިއާގެ ލެވެލް-2 އެޑްވާންސް ކޯޗެއްގެ އިތުރުން އޭސީސީ ލެވެލް-2 އަމްޕަޔަރެއްވެސްމެއެވެ.
އޭނާގެ މި ބޮޑު ތަޖުރިބާ އައު ޖީލަށް އުނގަންނައިދެނީ އޭނާގެ އަމިއްލަ ޢާއިލާއާއި ގާތް ރައްޓެހިންގެ އެހީތެރިކަމާއެކު، އަމިއްލަ ޖީބުން ބޮޑެތި ޚަރަދުތަކެއް ކުރައްވައިގެންނެވެ.
މިލާން ކްރިކެޓް އެކެޑަމީގެ ކާމިޔާބީގެ ސިއްރަކީ އޭގެ ނަތީޖާއެވެ. މިހާތަނަށް އެ އެކެޑަމީން ތަމްރީނުވި 8 ކުޅުންތެރިޔަކު ވަނީ ޤައުމީ ކްރިކެޓް ޓީމުގައި ހިމެނި، ރާއްޖެ ތަމްސީލުކޮށްފައެވެ. އަދި ކްލަބް ލެވެލްގައި ވާދަކުރަން ފެށިތާ އެންމެ 6 އަހަރުގެ ތެރޭގައި ޖުމްލަ 6 ތަށި ވަނީ ކާމިޔާބުކޮށްފައެވެ.
މިލާން ކްރިކެޓް އެކަޑަމީގެ ހަފުލާއެއްގައި ފަރުހަތު ޖަލީލް--
ވަކިން ޚާއްޞަކޮށް 2022 އިން ފެށިގެން 2025 އާ ހަމައަށް ވިދިވިދިގެން 4 އަހަރު ތަށި ހޯދައި، ރާއްޖޭގެ އެންމެ ވަރުގަދަ ކްރިކެޓް ކްލަބުގެ ލަޤަބު ވަނީ ހޯދާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްޓަކައި "ޖަލީލްސް ލައުންޖް" ފަދަ ވަޞީލަތްތައް ޤާއިމުކޮށް، ކްރިކެޓް ބޯޑަށް ހަދިޔާކުރުމަކީވެސް މިލާންގެ ހިތްތިރި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.
މި ހުރިހާ ކާމިޔާބީއެއްގެ ތެރޭގައިވެސް، މިލާންގެ ބާނީ ފަރުހަތުގެ ހިތުގައި އޮތީ ބޮޑު ކަންބޮޑުވުމެކެވެ. އެއީ އޭނާގެ 45 އަހަރުވީ ކްރިކެޓް ޚިދުމަތުގައި ތަކުރާރުކޮށް އެދެމުންދާ އެންމެ ކަމެކެވެ. އެއީ މާލޭ ސަރަޙައްދުގައި ފެންވަރު ރަނގަޅު ކްރިކެޓް ސްޓޭޑިއަމެއް ގާއިމުވުމެވެ.
މިލާން ކްރިކެޓް އެކަޑަމީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިން--
އެކި ސަރުކާރުތަކުން ވެފައިވާ ވަޢުދުތައް ފަރުހަތަށް ސިފަވަނީ ހަމައެކަނި ކަރުދާހުގައި އޮތް ކަންތައްތަކެއްގެ ގޮތުގައެވެ. ކްރިކެޓްގެ އެންމެ މޮޅު އުކުންތެރިޔާ އަދި ހޮވުންތެރިޔާގެ މަޤާމު ހޯދައި، ދެ ފަހަރެއްގެ މަތިން ޤައުމީ އިނާމު 2003 ވަނަ އަަހަރާއި 2015 ވަނަ އަހަރު ލިބިފައިވީ ނަމަވެސް، ފަރުހަތުގެ އަސްލު އުފަލަކީ ކުޅުންތެރިންނަށް ކުޅޭނެ ރަނގަޅު ބިމެއް ލިބުމެވެ.