އަދިވެސް ގާނޫނު 'އެބިއުސް' ކުރަނީ ރައްޔިތުން؟

"ތިޔަ ބޭފުޅުން އާރުޓީއައިއެއް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެންނެއް އެނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ،" ވެރިކަމުގެ އާ ކޮޅު، ޑިސެންބަރު 5، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ފަދައިންނެވެ.

ރައީސްގެ ވައުދުފުޅަކީ ވެސް އެއީއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި މައުލޫމާތު ލިބޭނެއެވެ. މި ސަރުކާރުގައި އެއްވެސް ކަމެއް ސިއްރެއް ނުވާނެއެވެ. އޮންނާނީ ހާމައަށެވެ. ކެމްޕޭން ތެރޭގައި ވެސް އަދި ހޮވިވަޑައިގެން މަގާމުގެ ހުވާކުރެއްވުމަށް ފަހު ވެސް އެތައް ފަހަރެއްގެ މަތިން އެ ޔަގީންކަން ދެއްވިއެވެ. އެ އުންމީދު ވެސް ރައްޔިތުން ތިބީ ކޮށްގެންނެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ 902 ވަނަ ދުވަހެވެ. މިހާރު އެ އުންމީދު މަރާލައިފިއެވެ.

ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މައުލޫމާތު ނުދޭކަމުގެ ޝަކުވާއެވެ. ކުޑަމިނުން މީގެ ކުރިން އާންމު އުސޫލުން އާންމުކުރާ މައުލޫމާތު ވެސް އެ އޮތީ ސިއްރުކޮށްފައެވެ. ދިވެހި ވިޔަފާރިތަކަށް ސަރުކާރުން ނުދީ އޮތީ ކިތައް ބިލިއަން ރުފިޔާހެއްޔޭ އެހުމުން ވެސް ޖަވާބެއް ނުދީ، އަހަރު ދުވަސްވީއެވެ. ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް އޮތީ ގައުމީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. މިހެން ގޮސް ލިސްޓެއް ހަދައިފިއްޔާ އިތުރު ވާހަކައެއް ދެއްކޭކަށް ނޯންނާނެއެވެ. އެހެންވީމާ، ސިއްރުކޮށްފައި ހުރި މައުލޫމާތުގެ ލިސްޓު މި ހިސާބުން ކުރުކޮށްލާނީއެވެ.

https://sun.mv/221622

އެކަމަކު، މި ހާލަތުގައި އޮއްވާ ދިވެހި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ދެއްކެވީ ނުރައްކާތެރި ވާހަކައެކެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން،" ރައީސް އޮފީހުގައި ހުންނަވާ އުޝާމް ވިދާޅުވިއެވެ.

މިއީ މި ފަދަ މޭރުމަކުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގޯސްކޮށްފައި މި ސަރުކާރުގެ ވެރިއަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ބައެއް ކަހަލަ މައުލޫމާތު ހޯދަން ފީއެއް ނަންގަވަން 'މޮޅު' ޚިޔާލެއް އާންމުކުރައްވާފައެވެ. ތަކުރާރުކޮށް މި ވާހަކަ އިވުމުން ބެލެވެނީ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރައްވާހެން، ޕީއެންސީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން އާރްޓީއައި ގާނޫނު ވެސް އިސްލާހުކުރަން އުޅެނީހެންނެވެ. އެހެން ނަމަ، އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބޮޑު ގޯހެކެވެ. ހުއްޓުވަން ޖެހޭނެ ކަމެކެވެ.

ބަންޑާރަނައިބު ދެއްކެވީ އަސްލެއް ނެތް ވާހަކައެއް

ދައުލަތުގެ ބަންޑާރަނައިބު އިތުރުފުޅެއް ނުހައްދަވާނެއެވެ. އަމުދުން ގަސްތުގައި އޮޅުވާލައްވައިފާނެ ކަމަކަށް ހިތެއް ނުބުނެއެވެ. އެކަމަކު، އާރްޓީއައި ގާނޫނު 'އެބިއުސް'ކުރާ ކަމަށް އޭނާ ދެއްކެވި ވާހަކައިން މި ފާހަގަކުރި ދެ ނަތީޖާ ވެސް އެބަ ނުކުމެއެވެ. އެއީ، ކިހިނެއް ވީ ކަމެއްކަން ސާފެއް ނޫނެވެ. އެނގެނީ ފެންނަން އޮތް ހަގީގަތެވެ.

"މައުލޫމާތު ހޯދަން އެދޭ މީހުން އާރްޓީއައި ގާނޫނު އެބިއުސްކުރާކަމުގެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ސާފުކޮށްދެއްވިއެވެ.

"ޖެއްސުން ކުރުމުގެ ހާވަކި ރިކުއެސްޓެއް ހުރެދާނެ. އެކަމަކު، އެއީ ޓްރެންޑެއް ނޫން. އޭގެ ބަދަލުގައި ދައުލަތުގެ ބައެއް އިދާރާތަކުން އާރްޓީއައިތަކަށް އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހެދުން މާ އާންމު، އަދި ގާނޫނުގެ ދަށުން އިސްވެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އެއްވެސް ސަރުކާރުގެ މިނިސްޓްރީއަކުން އަދައެއް އަދި ނުކުރޭ،"

https://sun.mv/221018

އެހެންވީމާ ހަގީގަތް މި އޮތީ ބަންޑާރަނައިބު ވިދާޅުވި ގޮތާ ދިމާ އިދިކޮޅަށެވެ.

މިދިޔަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައި ހުރި ހިސާބުތަކުން ވެސް އެނގޭ ގޮތުގައި އެކިއެކި ސުވާލުތަކަށް ޖަވާބު ހޯދަން މީހުން ހުށަހެޅި އާރްޓީއައިތަކުގެ 62 އިންސައްތަ ރިކުއެސްޓްތަކަށް ފުރިހަމަ ޖަވާބެއް ނުދެއެވެ. ޖުމުލަ 45 ޕަސެންޓު ރިކުއެސްޓަށް ފުރިހަމަ ޖަވާބު ލިބުން ނަމަވެސް އެ ޖަވާބު ދެނީ މުއްދަތު ފަހަނައަޅާ ދާ ފަހުންނެވެ. މިއީ ކަމުގެ ހަގީގަތެވެ. ނަންބަރުތަކުން ހަގީގަތް އެ އޮތީ ފެންނާށެވެ. ބަންޑާރަނައިބަށް ވެސް ބައްލަވާލެއްވޭނެއެވެ.

އަދިވެސް ގާނޫނު 'އެބިއުސްކުރަނީ' ރައްޔިތުން؟

"މައުލޫމާތެއް ހޯދަން އެދުނީމާ ފެނަކައިން އެއްވެސް ޖަވާބެއް ނުދޭ. ރިކުއެސްޓް ލިބުނުކަން ވެސް ނުބުނި. ދެން، މައްސަލަ ޖެއްސީމާ އިންފޮމޭޝަން ކޮމިޝަންގެ އަޑުއެހުމަކަށް އެއްގޮތަކަށް އެ ކުންފުނިން ހާޒިރެއް ނުވި. އަބަދު ވެސް ވަކީލުން ބަލިވެގެން ނޫނީ އެހެން މީޓިންއެކޭ ބުނެފައި ކެންސަލް ކުރާ ކަމަށް އަންގަނީ. މި ކަމެއްގައި އުޅޭތާ ދެ މަސް ވަނީ،" މި ފަހުން ދިމާވި ނޫސްވެރިއަކު ކުރި މި ޝަކުވާ އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އެހާ ދުވަހެއް އަދި ނުވެއެވެ.

އެއީ ހަމައެކަނި އޭނާއަށް ދިމާވި ކަމެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަރުދަނާ އާރްޓީއައި ގާނޫނެއް ހެދުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެކެވެ. ޑިމޮކްރަސީއަށް ވަރަށް މުހިންމު ކަމެކެވެ. އެއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ވަރަށް ގިނަ އާރްޓީއައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ހުށަހެޅީމެވެ. އޭރު ވެސް ހޯދަން ބޭނުންވާ ބައެއް މައުލޫމާތު ލިބުމުގައި ހުރި ގޮންޖެހުންތައް ގިނަކަމުންނެވެ. އިންފޯމޭޝަން ކޮމިޝަންގެ އަޑުއެހުމުން ނިންމީމާ އޭރު ވެސް މައުލޫމާތު ދެއެވެ. ވަރަށް ޚައްސާސް ކަންކަމުގައި ވެސް ކޯޓާ ހަމައިން ގޮތް ނިންމައެވެ.

https://s2.sun.mv/214800

އެކަމަކު، މިހާރު އެހެން ހެއްޔެވެ؟ އާރްޓީއައިއަށް އެއްވެސް ޖަވާބެއް ނުދެނީއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެބައޮތްކަން ވެސް ސަރުކާރުގެ ހަނދާނުގައި ނެތީހެން ބައެއް ފަހަރު ހީވެއެވެ.

މި ސަރުކާރުން ވަކިކުރި 200 އެއްހާ ސިޔާސީ މުވައްޒަފުންގެ ނަން ވެސް ބުނެލަން ބޭނުމެއް ނުވިއެވެ. އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށް ވިދާޅުވި ރައީސްގެ އޮފީހުން އެ މައްސަލަ ހުށަހެޅުއްވީ ހައިކޯޓަށެވެ. އޭގެ ފަހުން، ރިކޯޑު ހެއްދެވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ އެނގިވަޑައިނުގަންނަވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެ މައުލޫމާތު ވަގުތުން ހާމަކުރައްވަން ލައިވް ޓީވީގައި އެންގެވިއެވެ. އެ ފަހުން އަހަރު ދުވަސްވީއެވެ. އެ މައުލޫމާތު އަދިވެސް އެ އޮތީ ސިއްރެއްގެ ގޮތުގައެވެ.

އެހެންވީމާ، ހިތުގައި އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. އަދިވެސް ގާނޫނު 'އެބިއުސް'ކުރަނީ ރައްޔިތުން ހެއްޔެވެ؟

ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ވެސް ސަރުކާރުތަކުން 'އެބިއުސް'ނުކުރޭ ހެއްޔެވެ؟ ހާހުން ސިޔާސީ މުވައްޒަފުން ނަންގަވަނީ އެ މާއްދާއާ ހަވާލާ ދީގެންނެވެ. އެ މާއްދާއިން ލިބިދޭ ބާރެއް ކަމަށް ބުނެފައެވެ. އެކަމަކު، ގާނޫނުއަސާސީ އެކުލަވައިލި އިރު އެ މާއްދާ ލިޔުނީ ވަޒީރުންނާއި ރައީސް އޮފީހަށް މުވައްޒަފުން ނެންގެވުމުގެ ބާރު ރައީސަށް ދިނުމުގެ ބޭނުމުގައެވެ. ކުންފުނިތަކާއި މިނިސްޓްރީތަކަށް ހާހުން ސިޔާސީ އެކްޓިވިސްޓުން ނަގާކަށް ނޫނެވެ.

https://sun.mv/193903

"މި މާއްދާގެ ދަށުން އައްޔަނުކުރެވޭނީ ވަޒީރުންނާއި، ގާނޫނުއަސާސީއާއި ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަދާކުރުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާއަށް އެހީތެރިވެދޭނޭ މީހުންނެވެ. އެއީ ރައީސް އޮފީހުގެ މުއައްޒަފުންނެވެ. އިތުރު ބައެއް ނޫނެވެ،" ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބުރާ)މީގެ ދެ އަހަރު ކުރިން މި މައްސަލައިގައި ފޭސްބުކްގައި ލިޔުއްވިއެވެ. މިހާރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ދިޔާނާ ސައީދު ވެސް އެ ޕޯސްޓަށް ތާއީދުކުރެއްވިއެވެ.

އަދި ކޮބާ ހެއްޔެވެ؟ މަޖިލީހުގެ މެންބަރުންގެ ހަށިކޮޅުތަކުގައި 'ތަޅު' އެޅުވި އެންޓި ޑިފެކްޝަން އިސްލާހަކީ ވެސް ކިހާ ބޮޑު 'އެބިއުސް'އެއް ހެއްޔެވެ؟ އެ މައްސަލަ ބަލަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީމާ، އެ މައްސަލަ ބައްލަވަމުން ދަނިކޮށް އެ ކޯޓުގައި އޭރު ތިއްބެވި ތިން ފަނޑިޔާރަކަށް އެ ވީގޮތަކީ ވެސް 'އެބިއުސް'އެއް ނޫން ބާވައެވެ؟

މާޒީގެ އެ ސަފުހާތައް އަލުން ނިއުޅުމުގެ މާނައެއް ނެތެވެ. އެކަމަކު، ބަންޑާރަނައިބު ވެސް ވިސްނާވަޑައިގަންނަވަން ޖެހެއެވެ. ގާނޫނު 'އެބިއުސް'ކުރަނީ ރައްޔިތުންނެއް ނޫނެވެ.

comment ކޮމެންޓް