މުސްލިމުންގެ ދިފާއުގައި މިޔަންމާއަށް ހަމަލާ ދިނުމަށް ޔަމަނުގެ އަލްގައިދާގެ ލީޑަރު ގޮވާލައިފި

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ރޮހިންޔާ މުސްލިމުން ސަލާމަތްކުރުމަށް އެދި ބަޔަކު މުޒާހަރާ ކުރަނީ ---

ދުބާއީ (ރޮއިޓާސް) – މިޔަންމާ އަސްކަރިއްޔާގެ ފަރާތުން އަނިޔާ ލިބެމުންދާ ރޮހިންޔާ މުސްލިމުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން މިޔަންމާގެ ކަމާބެހޭ އިދާރާތަކަށް ހަމަލާ ދިނުމަށް ޔަމަނުގައި ހަރަކާތްތެރިވާ އަލް ގައިދާގެ އިސް ލީޑަރަކު ގޮވާލައިފިއެވެ.

އަލް ގައިދާގެ މީޑިއާ ފައުންޑޭޝަނުން ނެރުނު ވީޑިއޯ މެސެޖެއްގައި، އަލް ގައިދާގެ އިސް ލީޑަރެއް ކަމަށްވާ ހާލިދު ބަތާފީ ވަނީ ދުޝްމަނުންގެ ފަރާތުން ރޮހިންޔާގެ މުސްލިމުން ސަލާމަތްކުރުމުގައި އެއްބާރުލުން ދިނުމަށް ބަނގުލަދޭޝް، އިންޑިއާ، އިންޑޮނޭޝިއާ އަދި މެލޭޝިއާގައި ދިރިއުޅޭ މުސްލިމުންނަށް ގޮވާލާފައެވެ.

ބަތާފީ އަކީ 2015 ވަނަ އަހަރުގެ ތެރޭގައި އަރަބިއަން ޕެނިންސުލާ (އޭކިއުއޭޕީ) އިން ޔަމަނުގެ ހުޅަނގުގައި އޮންނަ ޕޯޓް ސިޓީއެއް ކަމަށްވާ މުކައްލާ ހިފުމުން ޔަމަނުގެ ޖަލަކުން މިނިވަންވި މީހެކެވެ. އޭނާގެ މެސެޖުގައި އަލް ގައިދާގެ އިންޑިއަން ސަބްކޮންޓިނެންޓް (އޭކިއުއައިއެސް)ގެ ގޮފިތަކުން ވެސް މިޔަންމާއަށް ހަމަލާތައް ދިނުމަށް ގޮވާލާފައިވެއެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ބަޔަކު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދިނުމާ ގުޅިގެން އެކަމުގެ ރައްދުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ މުސްލިމުންގެ އަވަށްތަކަށް ވަދެގަނެ އެ މީހުން މަރައި، ގެދޮރުގައި ހުޅުޖަހަމުންނެވެ.

އެމީހުންގެ އަނިޔާވެރިވުން އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ހަމަލާތަކުގައި ރޮހިންޔާގެ 100 އަށްވުރެ ގިނަ މުސްލިމުން ވަނީ މަރާލާފައެވެ. އަދި އެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތައް ހާސް ރޮހިންޔާ މުސްލިމުންނެއް ދަނީ މިޔަންމާއިން އަވަށްޓެރި ބަންގާޅަށް އެތެރެވަމުންނެވެ.

އދ. ގެ ރެފިއުޖީންނާ ބެހޭ އޭޖެންސީން ބުނާ ގޮތުގައި، މިޔަންމާގެ ސަރުކާރުން ހިންގަމުންދާ ގަތުލު އާއްމުތަކުން ސަލާމަތްވުމަށް ބަންގާޅަށް ހިޖުރަކުރި މީހުންގެ އަދަދު 73000 އަށް ވަނީ އަރާފައެވެ.

comment ކޮމެންޓް