ހައްޖުވެރިން މިނާގައިތިބެ އަގަބާގެ ޖަމްރާތަކަށް ހިލައުކަނީ

ޖަމްރާއަކަށް ހައްޖުވެރިން ހިލަ އުކަނީ

މިނާ (ސެޕްޓެމްބަރު 2) : ހައްޖުވެރިން އަރަފާތާއި މުޒްދަލިފާގައި އަދާކުރަން ޖެހޭ އަޅުކަންތައް ފުރިހަމަ ކުރުމަށް ފަހު މިނާއަށް ގޮސް އެތާނގައި މަޑުކޮށް ޖަމްރާތަކަށް ހިލައުކުމުގެ ކަންތައް ކުރިޔަށް އެބަގެންދެ އެވެ.

ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަހު މިނާގައި މަޑުކުރާނެ އެވެ. ޖަމްރަތުލްއަގަބާއަށް ހިލައުކުމަށް ފަހު ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށައި އިހްރާމް ކަނޑާނެއެވެ. ދެން މިނާގައި ތިބޭނީ އާދައިގެ ހެދުމުގަ އެވެ. އެއީ ޖަމްރާތަކަށް ހިލަ އުކުމަށްޓަކަ އެވެ. ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ހިލަ އުކުމަށްޓަކައި އީދުދުވަހާ ޖެހިގެން އަންނަ ދުވަހު މިނާގައި ތިބުމަށް ފަހު މައްކާއަށް ގޮސް ތަވާފުލްއިފާޟާކޮށް ސައުކޮށް ހައްޖުގެ ކަންތައް ނިންމާނެ އެވެ.

ނަމަވެސް ބައެއް ހައްޖުވެރިން ޖަމްރަތުލްއަގަބާއަށް ހިލައުކުމަށް ފަހު މައްކާއަށްގޮސް ތަވާފުލްއިފާޟާކޮށްގެން އަލުން އެނބުރި މިނާއަށް އައިސް ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ތިންދުވަހު މިނާގައި ތިބޭނެ އެވެ. މިނާގައި އައްޔާމުއްތަޝްރީގުގެ ތިން ދުވަހު ތިބޭ ހައްޖުވެރިންގެ ވެސް ހައްޖުގެ އަޅުކަން ނިމޭނީ މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުންނެވެ.

ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ އިބްރާހީމް ގެ ފާނަށް ތަބާވުމުގެ ގޮތުންނެވެ. އެކަލޭގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު (މީލާދީގެ ގާތްގަނޑަކަށް ހަހާސް އަހަރުކުރިން) މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އަމުރުފުޅަށް އިސްމާއީލްގެފާނު ގުރްބާން ކުރައްވަން އެކަލޭގެފާނު ގޮވައިގެން އުޅުއްވީ މިނާ ގައެވެ. މިނާގެ ފަރުބަދަތަކުގެ ވާދީ ތެރޭގައި (މިހާރު މިނާގައި ހައްޖުވެރިން ތިބުމަށް ފޭލިގެތައް ޖަހާފައިވާ ސަރަހައްދުތަކުގައި) އިސްމާއީލްގެ ފާނު ގޮވައިގެން އެކަލޭގެފާނު ގުރްބާން ކުރައްވައި ކަނޑިއެއް ހިއްޕަވައިގެން އުޅުއްވަނިކޮށް އިބްލީސް އިންސާނެއްގެ ސިފައިގައި އިބްރާހީމްގެފާނަށް ފެނިވަޑައިގަތެވެ. އިބްލީސް އިބްރާހީމްގެ ފާނަށް ދެންނެވީ މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އަމުރުފުޅާ އެއްގޮތަށް އިސްމާއީލްގެފާނު ގުރްބާން ނުކުރެއްވުމަށެވެ. އެއީ އިސްމާއީލްގެފާނަކީ އިބްރާހީމްގެ ފާނަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިކަލުންކަމަށްވާތީ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެއީ އިބްލީސްކަން އިބްރާހީމްގެ ފާނަށް ކަށަވަރުވުމުން އިބްލީސް ފައްސާލެއްވުމަށްޓަކައި ހިލަތަކެއް ހޮއްވަވައި އިބްލީސް އާ ދިމާއަށް އިބްރާހީމްގެފާނު ހިލަ އުއްކެވި އެވެ. އެއްފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައިގެންދިޔުމަށް ފަހު އަނެއްކާ ވެސް ތަންކޮޅެއް ދުރުން އިބްލީސް ފާޅުވިއެވެ. ދެން އަނެއްކާ ވެސް އިބްލީސް ފައްސާލެއްވުމަށް ޓަކައި ހިލަ އުއްކެވީ އެވެ. އެއަށް ފަހު އަނެއްކާ ވެސް ތަންކޮޅެއް ދުރުން ތިންވަނަ ފަހަރަށް ބަލިކަށިގޮތަކަށް އިބްލީސް ފެނުނެވެ. ދެން އަނެއްކާ ވެސް އިބްލީސް އާ ދިމާއަށް ހިލަ އުއްކެވީ އެވެ. ތިންވަނަ ފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައި ރައްކާވެއްޖެ އެވެ. އެއަށް ފަހު އިބްރާހީމްގެފާނު މައްކާގައި ހުންނެވިހާ ދުވަސްތަކުގައި ވެސް އިބްލީސްގެ އެއްވެސް އުނދަގުލެއް ނުވާކަމަށް ވެ އެވެ.

ދެން އިބްރާހީމްގެފާނު އިސްމާއީލްގެފާނު މާތް ﷲ އަށްޓަކައި ގުރްބާން ކުރެއްވުމަށް ޓަކައި އިސްމާއީލްގެފާނުގެ ކަރުފުޅުގައި ޚަންޖަރު ހިންގަވާލެއްވުމުން އިބްރާހީމްގެފާނަށް ފެނިވަޑައިގަތީ ކަންބަޅި ބަކަރިއެކެވެ. އަދި އިސްމާއީލްގެފާނުގެ ބަދަލުގައި އެބަކަރި ކަތިލެއްވުމަށް މާތްﷲ އިބްރާހީމްގެފާނަށް ނިދާ އިއްވެވި އެވެ. ދެން އިބްރާހީމްގެފާނު ކަތިލެއްވީ އެބަކަށްޓެވެ. އިސްމާއީލްގެފާނަށް ކަމެއްނުވެ އެވެ.

ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ، އިބްލީސް ފައްސާލުމަށް އިބްރާހީމްގެފާނު ހިކަ އުއްކެވުމުން އެކަން ހަނދާން ކުރުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ ހައްޖަތުލްވަދާއުގައި އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ހިލަ އުއްކެވުމުންނެވެ. އިބްލީސް ފެނުނު ތިންތަނަކީ ޖަމްރާތައް ހުރި ތިން ތަންތަނެވެ. އެއީ ޖަމްރަތުލްކުބްރާ އާއި ޖަމްރަތުލްވުސްތާ އާއި ޖަމްރަތުއްސުޣްރާއެވެ. އެއީ މިނާގެ އަލްއަގަބާ ސަރަހައްދެވެ.

ހައްޖުވެރިން ވެސް އަދި ހައްޖަށްނުދާ އެނޫން މުސްލިމުންވެސް އަޟްޙާ އީދުދުވަހު އުޟްހިޔާ ކަތިލަނީ މާތް ﷲގެ އަމުރުފުޅަށް އިބްރާހީމްގެފާނު އިސްމާއީލްގެފާނު ގުރްބާން ކުރެއްވުމުގެ ބަދަލުގައި ބަކަރި ކަތިލެއްވުމުން އެކަމަށް ތަބާވެ އިގްތިދާވުމުގެ ގޮތުންނެވެ.

މިނާގައިވާ ޖަމްރާތައް ހުންނަ އަލްޢަގަބާ ސަރަހައްދަކީ ކީރިތިރަސޫލާ ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރާއި ތޭރަވަނަ އަހަރު މަދީނާގެ އައުސް ވަންހައާއި ޚަޒްތަޖު ވަންހައިގެ މީހުންނާ އެކަލޭގެފާނު ބައްދަލުކުރައްވައި ބައިއަތު ހިއްޕެވި ތާރީޚީ ސަރަހައްދެވެ.

އަގަބާގެ ފުރަތަމަ ބައިއަތު ހިއްޕެވީ އެކަލޭގެފާނު ރަސޫލުކަމާގެން ފޮނުއްވިތާ ބާރަ ވަނައަހަރު މަދީނާގެ ބާރަމީހުންނާއެކުގައެވެ. ރަސޫލުކަމާގެން ފޮނުއްވިތާ 13 ވަނަ އަހަރު އަގަބާގެ ދެވަނަ ބައިއަތު ހިއްޕެވީ މަދީނާގެ ހަތްދިހަ ފަސް މީހުންނާއެކުގަ އެވެ. އެއީ ހަތްދިހަ ތިން ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭގޮތަށެވެ. ބައިއަތު ހިއްޕެވީ މަދީނާގައި އިސްލާމް ދީން ފެތުރުމަށާއި މަދީނާއަށް ހިޖްރަ ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ.

މިނާއަކީ ދެފަރުބަދަ ދެމެދުގައި އޮންނަ ވާދީއެކެވެ. މިނާގެ ބޮޑުމިނަކީ ސޯޅަ ޕޮއިންޓް އަށެއް އަކަ ކިލޯމީޓަރެވެ. އެއީ މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހިމެނޭ ބިމެކެވެ. މިނާގައި ހައްޖުވެރިން ތިބުމަށް ސާޅީސް ހަތަރު ހާސް ފޭލިގެ ޖަހާފައިވެ އެވެ.

comment ކޮމެންޓް