ލޯނު އެއްބަސްވުމެއްގެ ދަށުން ޝާލްކޭގެ ޑިފެންޑަރު ބެނެޑިކްޓް ހޮވެޑޭސް، ޔުވެޓަންސްއާ ގުޅިއްޖެއެވެ.
ޔުވެންޓަސްއިން ލޯނުގެ ދަށުން ހޮވެޑޭސް ހޯދާފައިވަނީ މިދިޔަ ސީޒަނަށްފަހު އެ ކްލަބުގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ، އޭސީ މިލާނާ ގުޅުމުން ޔުވެންޓަސްއިން ސެންޓްރަލް ޑިފެންޑަރެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.
އިޓާލިއަން ސެރީއާގެ ޗެމްޕިއަން ޔުވެންޓަސްއިން މިއަދު އިއުލާންކުރި ގޮތުގައި، އެ ކްލަބުގައި ކުރިއަށް އޮތް 12 މަސްދުވަހު ހޮވެޑޭސް ހޭދަކުރާނެއެވެ.
އުމުރުން 29 އަހަރުގެ ޖަރުމަން ޑިފެންޑަރު ހޮވެޑޭސް، ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއާ ގުޅުނީ ތިން މިލިއަން ޕައުންޑްގެ އަގަކަށެވެ.
ޝާލްކޭއާއި ޔުވެންޓަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މިސީޒަނުގައި 25 މެޗު ހޮވެޑޭސް ކުޅެފިނަމަ ޝާލްކޭއަށް 13 މިލިއަން ޔޫރޯގެ އަގަކާއި އިތުރު ތިން މިލިއަން ޔޫރޯގެ އަގެއް ދައްކައިގެން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމުގެ ފުރުސަތު ޔުވެންޓަސްއަށް ލިބިގެންދާނެއެވެ.
ޔޫތު ކެރިޔަރުން ފެށިގެން ހޮވެޑޭސް ހޭދަކުރި ޝާލްކޭއަށް އޭނާ ވަނީ 334 ކުޅެ، 23 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން 2010-11ގެ ސީޒަނުގައި އެ ކްލަބަށް ޖަރުމަން ކަޕް ހޯދައިދިނުމަށް ވެސް ހޮވެޑޭސް އިސް ދައުރެއް އަދާކޮށްފައިވެއެވެ.
ޖަރުމަން ގައުމީ ޓީމަށް 2011އިން ފެށިގެން ކުޅެމުންދާ ހޮވެޑޭސް ވަނީ އެ ޓީމަށް 44 މެޗު ކުޅެދީފައެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ހޯދި ޖަރުމަން ގައުމީ ސްކޮޑުގައި ވެސް އޭނާ ހިމެނިފައިވެއެވެ.