ތިނަދޫގައި އެފްއެސްއެމްގެ ތެޔޮ ވިއްކާ ޓާމިނަލެއް ހަދަނީ

ގދ ތިނަދޫ: އެ ޓާމިނަލް ހަދަން ބޭނުންވާ ފަރާތެއް ހޯދަން ވަނީ އިއުލާންކޮށްފައި--

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ވިއްކާ ޓާމިނަލެއް ގދ. ތިނަދޫގައި ހެދުމަށް ނިންމައިފި އެވެ.

އެފްއެސްއެމުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ތިނަދޫގައި ތެޔޮ ރައްކާކޮށް ވިއްކުމަށް ޓާމިނަލެއް ހެދުމަށް އެ ކުންފުނިން ފޯރުކޮށްދޭ މައުލޫމާތާއި ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ކޮންސެޕްޓް ޑިޒައިނެއް ހަދައި ޑީޓެއިލް ޑްރޮވިން، ތްރީޑީ ކުރެހުމާ ބީއޯކިއުއާއެކު އެ ޓާމިނަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ވެސް އިއުލާނުގައިވެ އެވެ. އެއަށްފަހު އަންނަ މަހުގެ 14 ވަނަ ދުވަހު ހަމަ އެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ދަންނަވާފައިވެ އެވެ.

އެފްއެސްއެމްގެ ތެޔޮ ވިއްކާ ޓާމިނަލެއް ތިނަދޫގައި ގާއިމް ކުރަން ނިންމާފައިވާއިރު، އެ ރަށުގައި ތެޔޮ ވިއްކުމުގައި ހަރަކާތްތެރި ވަނީ އަމިއްލަ ކުންފުނިތަކުންނެވެ. އެގޮތުން ތެޔޮ ވިއްކުމަށް އެ ރަށުގައި އަމިއްލަ ކުންފުންޏެއްގެ ޕެޓްރޯލް ޝެޑެއް ވެސް ގާއިމްކޮށްފައި ހުރެއެވެ.

comment ކޮމެންޓް