MTCC
Dhiraagu

ދައުލަތުގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށްވެއްޖެ

އެމްއެމްއޭ: މިދިޔަ މަހު ދައުލަތުގެ ރިޒާވް ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަސް ނިމުނުއިރު، އޭގެ ކުރީ މަހާ އަޅައިބަލާއިރު ދައުލަތުގެ ރިޒާވް ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށްވެއްޖެއެވެ.

ADK GENERAl

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 791 މިލިއަން ޑޮލަރުގައެވެ. ނަމަވެސް ފެބްރުވަރީ މަސް ނިމުނުއިރު އެ އަދަދު ހުރީ 832.1 މިލިއަން ޑޮލަރުގައެވެ.

އެހެންވުމުން، އެއީ ރިޒާވަށް ލިބުނު 4.9 ޕަސެންޓްގެ ދަށްވުމެކެވެ.

ރިޒާވް ދަށްވެފައި ވަނީ، މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެން އިތުރުވުމަށްފަހުގައެވެ. އެގޮތުން:

  • ސެޕްޓެންބަރު މަސް ނިމުނުއިރު ރިޒާވުގައި ހުރީ: 371.2 މިލިއަން ޑޮލަރު
  • އޮކްޓޫބަރު: 614.6 މިލިއަން ޑޮލަރު
  • ނޮވެންބަރު: 616.2 މިލިއަން ޑޮލަރު
  • ޑިސެންބަރު: 673.2 މިލިއަން ޑޮލަރު
  • ޖަނަވަރީ: 708.1 މިލިއަން ޑޮލަރު

މިދިޔަ ޖަނަވަރީ މަހު ރިޒާވް އިތުރުވިކަން ފާހަގަކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައިވަނީ އެ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށެވެ. އެގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފައިކަން އެ އޮތޯރިޓީން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް ރިޒާވް އިތުރުވި ސަބަބެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވެއެވެ.

https://sun.mv/202437

މިދިޔަ އަހަރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަަރަށް ބޮޑަށް ދަށްވިއިރު، އަވައްޓެރި އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުން ލިބުނު 400 މިލިއަން ޑޮލަރު ލިބުންވެސްވީ ރިޒާވް އިތުރުވި ސަބަބަކަށެވެ.

ރާއްޖެއަށް ލިބޭ ބޭރު ފައިސާ ގައުމުގައި ދައުރުވާނެ ގޮތް ހެދުމަށްޓަކައި، އެމްއެމްއޭއީން ބޭރު ފައިސާއާ ބެހޭ ގަވައިދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައި ތަންފީޒުކުރަން ފެށިއެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.

އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކި ދާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެއެވެ.

Redstar
comment ކޮމެންޓް