ސާޓާގެ ނޭޕާލް، ބޫޓާންގެ އިވެލުއޭޝަން ފަށައިފި

ސާޓާގެ ނޭޕާލް އަދި ބޫޓާންގެ އިވެލުއޭޝަން ކުރިއަށް ދަނީ -- ފޮޓޯ: ހައިރައިޒް

ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ކުންފުންޏަކުން ބާއްވާ ހަމައެކަނި ޓްރެވަލް އެވޯޑްސް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އަށް ބޫޓާނާއި ނޭޕާލުން ނޮމިނޭޓުވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މިއަދު ފަށައިފި އެވެ.

ސާޓާގެ ކޮންސެޕްޓު ހަދައި، އެ އިވެންޓު އިންތިޒާމު ކުރާ ހައިރައިޒްގެ ފައުންޑާ، އަދި ސާޓާގެ ވެސް ފައުންޑަރު އިސްމާއިލް ހަމީދު ވިދާޅުވި ގޮތުގައި ނޭޕާލާއި ބޫޓާންގެ އިވެލުއޭޝަން ކުރިއަށް ދާނީ ކަތަމަންޑޫގެ މަލްބަރީ ހޮޓަލުގަ އެވެ. އަދި ހުރިހާ އިވެލުއޭޝަނެއް މާދަމާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޭޕާލުން ނޮމިނޭޓުކޮށްފައިވާ ބްރޭންޑުތަކުގެ ތެރޭގައި، މަޝްހޫރު އެއާލައިންތަކާއި ހޮޓާތަކާއި ރިސޯޓު އަދި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.

މިއަހަރުގެ ސާޓާގެ ގާލާ އިވެންޓު ބާއްވަނީ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުގައި އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ދެދުވަހުގެ މުއްދަތަކަށް ފެސްޓިވަލެއްގެ ގޮތުގަ އެވެ. އެގޮތުން 27 ވަނަ ދުވަހު އޮންނާނީ "ސާޓާ އޮޕޮޗިއުނިޓީ" އެވެ. އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ. އަދި 28 ވަނަ ދުވަހު އޮންނާނީ ސާޓާގެ އެވޯޑު ހަފްލާ އެވެ. އެއަށްފަހު ސާޓާ ސެލެބްރޭޝަންސް އެރޭ އޮންނާނެ އެވެ.

ސާޓާގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިން އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.

ސާޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. އަދި ޓްރެވަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ޓްރެވަލް ވޯލްޑް އޮންލައިނެވެ.

comment ކޮމެންޓް