ޖޮވެޓިޗް މޮނާކޯއަށް

އިންޓަ ދޫކޮށް މޮނާކޯއާ ގުޅުނު ފޯވަޑް ޖޮވެޓިޗް: އޭނާ އެ ކްލަބާ ގުޅުނީ 11 މިލިއަން ޔޫރޯގެ އަގަކަށް ---

އިންޓަ މިލާން ދޫކޮށް ސްޓެވަން ޖޮވެޓިޗް، މޮނާކޯއާ ގުޅިއްޖެއެވެ.

އުމުރުން 27 އަހަރުގެ ފޯވަޑް ޖޮވެޓިޗް މޮނާކޯއާ ގުޅުނީ 11 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ހަބަރުތައް ބުނަމުންދާއިރު، އޭނާ އެ ކްލަބާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނުގައި އިންޓައާއެކު ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ޖޮވެޓިޗް، ސީޒަނުގެ މެދުތެރެއިން ލޯނުގެ ދަށުން ސްޕެއިންގެ ސެވިއްޔާއާ ގުޅުމަށްފަހު އެ ކްލަބަށް 26 މެޗުން ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވެ އެވެ.

ފްރާންސް ޗެމްޕިއަން މޮނާކޯއާ ޖޮވެޓިޗް ގުޅިފައި ވަނީ އެ ކްލަބުގެ ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ، ވާދަވެރި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅެން އުޅޭ ކަމަށް ހަބަރުތަކެއް ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

މޮންޓެނީގްރޯ ގައުމީ ޓީމު ފޯވަޑް ޖޮވެޓިޗްގެ ފުޓްބޯޅަ ކެރިޔަރު ސާބިއާގެ ޕާޓިޒާން އިންނެވެ. އެ ކްލަބުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އިޓަލީގެ ފިއޮރެންޓީނާއާ ގުޅި، އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކާފައިވެއެވެ. އެއަށްފަހު 2013އިން ފެށިގެން 2016 ވަނަ އަހަރު އިންޓައާ ގުޅުމާ ހަމައަށް އޭނާ ފެނިގެން ދިޔައީ އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީންނެވެ.

comment ކޮމެންޓް