ފައިނަލުގެ ޖާގަތައް ސޮނޭވާއާއި އަނަންތަރާއަށް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ސޮނޭވާއާއި ބަނޑޮސް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކޮށް ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ ސޮނޭވާއާއި އަނަންތަރާއިން --- ފޮޓޯ/ ވީއޭއެމް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގަތައް ސޮނޭވާފުށްޓާއި އަނަންތަރާއިން ހޯދައިފިއެވެ.

ސޮނޭވާފުށްޓާއި އަނަންތަރާއިން ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ ސެމީ ފައިނަލުގައި ކުޅުނު ދެ ލެގުގެ މެޗުން ވެސް މޮޅުވެގެންނެވެ.

ސޮނޭވާފުށްޓާއި އަނަންތަރާއަކީ މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި ވެސް ވާދަކޮށްފައިވާ ދެ ޓީމެވެ. އެ މެޗުގައި އަނަންތަރާ ބަލިކޮށް، ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދީ ސޮނޭވާފުށިންނެވެ.

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ސޮނޭވާއާއި ބަނޑޮސް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކޮށް ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ ސޮނޭވާއާއި އަނަންތަރާއިން --- ފޮޓޯ/ ވީއޭއެމް

އިއްޔެ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި ސޮނޭވާއިން ވަނީ ޒޯން އެކެއްގެ ރަނަރަޕް ބަނޑޮސް މޯލްޑިވްސްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިފައެވެ. އެ މެޗުގެ ސެޓުތައް ސޮނޭވާއިން ގެންދިޔައީ 25-27، 25-20، 25-20 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮނޭވާގެ އަލީ ހުޒާމް (ހުޒާންޓޭ)އެވެ.

މިދިޔަ އާދީއްތަ ދުވަހު ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި އަނަންތަރާއިން ވަނީ ޒޯން އެކެއްގެ ޗެމްޕިއަން ގްރޭންޑްޕާކް ކޮށްދިއްޕަރުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިފައެވެ. އެ މެޗުގެ ސެޓުތައް އަނަންތަރާއިން ގެންދިޔައީ 25-19، 23-25، 25-18 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ.

އެ މުބާރާތުގައި ސޮނޭވާފުށްޓާއި އަނަންތަރާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15ގައެވެ. އެ މެޗު ކުޅޭ ތަނެއް ވޮލީބޯޅަ އެސޯސިއޭޝަނުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް