ގޮނޑި ހުސްވެއްޖެކަން ކަށަވަރުވެއްޖެ، އިދިކޮޅުން އުޅެނީ އޮޅުވާލަން: ޕީޕީއެމް

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާ ގުޅިގެން އިދިކޮޅޫ ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަށަވަރުވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ނިންމީ ރަނގަޅަށް ކަން ކަށަވަރު ވެއްޖެ ކަމަށެވެ.

"އިދިކޮޅޫ ފަރާތްތަކުން ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް ފަތުރަމުންދާ ދޮގު ހަބަރާއި ނުރަނގަޅު މައުލޫމާތަށް ސަމާލުވުމަށް މި ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.

ސުޕްރީމް ކޯޓުން ދިން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގް މައްސަލާގައި ކޮށްފައިވާ ހުކުމާއި އެ ހުކުމާއި ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާ މެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައިވާ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ.

އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.

ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އިލެކްޝަނުން މިރޭ ވަނީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް