ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މެމްބަރުންގެ ފަރާތުން ހުށަހެޅި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު އަހުމަދާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ.
މައްސަލައިގެ ޖަވާބު ބަލާ ދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަކީލުންނަށް އެންގުމުން ވަކީލު ހިސާން ހުސައިނާއި ވަކީލު އިބްރާހިމް ރިފްއަތު ވަނީ ކޯޓަށް ހާޒިރުވެފަ އެވެ.
ސުޕްރީމް ކޯޓުން ދިން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގް މައްސަލާގައި ކޮށްފައިވާ ހުކުމާއި އެ ހުކުމާއި ގުޅިގެން ނެރެފައިވާ އަމުރުގައި މެމްބަރުންގެ ގޮނޑިއާ މެދު ކަން ހިނގާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނެފައިވާ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ.
އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.
ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ.
އެހެންކަމުން މެމްބަރުން ހުށަހެޅި މައްސަލަ ބަލައި އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.