"މަރުހަބާ މެސީ" - ރެއާލްގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް ހެކްކޮށްފި!

"އަވަރމައިން" ކިޔާ ހެކަރުންގެ ގްރޫޕަކުން ވަނީ ރެއާލް މެޑްރިޑްގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް ހެކްކުރުމަށް ފަހު މެސީއަށް މަރުހަބާ ކިޔައި މެސެޖެއް ލިޔެފައި -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ސޯޝަލް މީޑިއާ އެކަންޓުތައް ހެކްކުރުމަށް ފަހު، އެ ޓީމުގެ ޓްވިޓަރ އަދި ފޭސްބުކް ޕޭޖްގައި ވާދަވެރި ބާސާގެ ތަރި ލިއޮނަލް މެސީއަށް މަރުހަބާ ކިޔައިފިއެވެ.

ހެކަރުންގެ ޝިކާރައަކަށް ފުރަތަމަވީ ބާސެލޯނާއެވެ. މިދިޔަ ބުދަދުވަހު އެ ކްލަބުގެ ޓްވިޓަރ އެކައުންޓް ހެކްކުރުމަށް ފަހު، ހެކަރުން ވަނީ ޕީއެސްޖީގެ އާޖެންޓީނާ ތަރި އަންހެލް ޑިމާރިއާ ބާސާއަށް ސޮއިކޮށްފިކަމަށް އިއުލާނުކޮށްފައެވެ.

ބާސާއިން ވަނީ އެ ކްލަބުގެ ޓްވިޓާ އެކައުންޓް ހެކްކުރިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. ރެއާލް މެޑްރިޑްގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް ހެކްކުރުމަށް ފަހު ސްޕެއިން ގަޑިން މިއަދު ހެނދުނު 7:00 ކަންހާއިރު، ހެކަރުން ވަނީ "ވެލްކަމް މެސީ" ޖަހާފައި ޕޯސްޓެއް ކޮށްފައެވެ.

"އަވަރމައިން" ކިޔާ ހެކަރުންގެ ގްރޫޕަކުން ވަނީ ރެއާލް މެޑްރިޑްގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް ހެކްކުރުމަށް ފަހު މެސީއަށް މަރުހަބާ ކިޔައި މެސެޖެއް ލިޔެފައި -- ފޮޓޯ: ގެޓީ

"އަވަމައިން" ކިޔާ ހެކަރުންގެ ގްރޫޕަކުން ރެއާލްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރި ކަމުގެ ޒިންމާ ނަގާފައި ވާއިރު، އެ ޕޯސްޓާއެކު ހެކަރުން ވަނީ، ސަންތިއާގޯ ބެރްނަބެއުގައި މިދިޔަ ސީޒަންގައި 3-2 ލަނޑުން ބާސާ މޮޅުވި މެޗުގައި މެސީ ކާމިޔާބުރި ލަނޑުގެ ވީޑިއޯއެއް ވެސް ހިމަނައިފައެވެ.

އިންޓަނެޓް ސެކިއުރިޓީއަށް ފާޑުކިޔަމުން "އަވަމައިން" ހެކަރުންގެ ގްރޫޕުން ބުނެފައި ވަނީ ހެކްކުރެވެނީ ހަމައެކަނި ބާސާގެ އެކައުންޓް ނޫންކަން މިހާރު ސާބިތުކޮށްދީފައި ވާނޭކަމަށެވެ. އަދި RealMadridHack# ޓްރެންޑިން ޓެގްލައިނަކަށް ހެދުމަށް ލިޔެފައިވެއެވެ.

ހެކަރުންގެ މި ގްރޫޕުން ބާސާ އާއި ރެއާލްގެ އިތުރުންވެސް ބޮޑެތި ކްލަބްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތަކަށް ހަމަލާ ދެމުން ދާއިރު އެ ގްރޫޕުން މީގެ ކުރީން ވަނީ ނެޓްފްލިކްސް، އެޗްބީއޯ އަދި ޕްލޭސްޓޭޝަން ފަދަ ބޮޑެތި ކުންފުނިތަކުގެ ވެބްސައިޓްތައްވެސް ހެކްކޮށްފައެވެ.

comment ކޮމެންޓް