ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ ގާސިމްގެ މައްޗަށް މިރޭ އިއްވި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ހުކުމުގައެވެ.
އެ ފަރުވާތައް ގާސިމް އިބްރާހީމަށް ދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީއެވެ ކްރިމިނަލް ކޯޓުގެ ހުކުމް
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފް ކުރެއްވި ހުކުމުގައި ވަނީ ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާކަން އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.
އެ މައްސަލާގައި ގާސިމަށް އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރިނަމަވެސް އެކަމަކީ ޑޮކްޓަރުން ލަފާދިން ޓެސްޓުތައް ހެދުމަށް އޮތް ހުރަހެއް ކަމަށް ވެގެން ނުވާނެ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
"މި މައްސަލާގައި ގާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް، އަދި ގާސިމް އިބްރާހީމުގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒު ކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް އިބްރާހިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި. ލިބެންޖެހޭ ފަރުވާ ގާސިމް އިބްރާހީމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި..." ގާސިމަށް ކުރި ހުކުމުގައި ބުނެފައިވެ އެވެ.
"...އެ ފަރުވާތައް ގާސިމް އިބްރާހީމަށް ދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީއެވެ."
ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް ގާސިމް ވަނީ އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. އަދި ވަގުތުން އެމްބިއުލާންސްގައި އޭނާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ.
ގާސިމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުުގައި ބުނެފައި ވަނީ، ގާސިމްއަށް ބޭނުންވާ ފަރުވާ އެ ހޮސްޕިޓަލުން ދެވެން ނެތުމުން ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށެވެ. އަދި ފަރުވާދިނުން ލަސްކޮށްފިނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.