މުވައްސަސާތަކަށް ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ އައިޔޫއެމް އަށް

މުވައްސަސާތަކަށް ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނައަށް ދިޔަ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޓްރޮފީ ހަވާލުކުރަނީ --- ފޮޓޯ/ އިސްލާމިކް އެފެއާޒް

ކުންފުނިތަކާއި ކޮލެޖް އަދި ޔުނިވާސިޓީ ތަކަށް ހުޅުވާލައިގެން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށް ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހޯދައިފިއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ތަޖުވީދު މަގުން ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަގްސަދުގައި އެ މުބާރާތް ބޭއްވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ އެއްވަނަ ހޯދި އައިޔޫއެމް އަށް އިނާމް ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް އެވެ.

މުބާރާތުގެ އެއްވަނާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ބައިވެރިއަކަށް ވެސް ހޮވިފައިވަނީ އައިޔޫއެމްގެ ދަރިވަރުންނެވެ.

އެގޮތުން މުބާރާތުގެ އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް އައިޔޫއެމްގެ ހުސެއިން އިރުޝާދު ހޮވުނުއިރު އެންމެ މޮޅު އަންހެން ބައިވެރިއަކަށް ހޮވުނީ އައިޔޫއެމްގެ ހަދީޖާ ނަބާހަތެވެ.

ފިރިހެން ބައިން ދެވަނަ އަށް ހޮވުނީ އައިލެންޑް އޭވިއޭޝަންގެ ޝަމީމް އެވެ. އަދި ތިންވަނަ އަށް ދިޔައީ ވިލާ އެއާ އިން މުބާރާތުގައި ބައިވެރިވި މުހައްމަދު ޖަޒީލް އިބްރާހިމެވެ.

އަންހެން ބައިން ދެވަނަ އަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޝާމިލާ އިދްރީސް ހޮވުނުއިރު ތިން ވަނަ ލިބުނީ އެވިޑް ކޮލެޖުގެ ހަލީމަތު ޝިމާނާއަށެވެ.

ޖޫން ފަހަކުން ނުވައަކަށް ބޭއްވި އެ މުބާރާތުގައި ނުވަ މުވައްސަސާއަކުން 37 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ، ހައްޖު ކޯޕަރޭޝަން، އައިލެންޑް އޭވިއޭޝަން، ސްޓެލްކޯ، އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން، ވިލާ އެއާ އަދި އެވިޑް ކޮލެޖް ހިމެނެއެވެ
.

comment ކޮމެންޓް