ވިލާ ފައުންޑޭޝަނުން ނެރުނު ތަފްސީރުގެ ވެބްސައިޓް ލޯންޗުކޮށްފި

ވިލާ ފައުންޑޭޝަނުގެ ތަފްސީރު، ޗެއާމަން ގާސިމް އިބްރާހީމް އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ/ ޕީއެސްއެމް

ވިލާ ފައުންޑޭޝަނުން ޝާއިއުކުރި ކީރިތި ޤުރުއާނުގެ ތަފްސީރުގެ ވެބްސައިޓު ލޯންޗުކޮށްފިއެވެ.

އެ ފައުންޑޭޝަނުގެ ޗެއާމަން ގާސިމް އިބްރާހީމްގެ އިރުޝާދުގެ ދަށުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ "އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު" މި ފޮތެވެ. "ބަޔާންވެގެންވާ ފަސޭހަ ތަފްސީރު"ގެ ނަމުގައި ނެރުނު ފޮތަކީ ދިވެހި ބަހުން ނެރުނު ފުރަތަމަ ގުރުއާނުގެ ތަފްސީލީ ތަފްސީރެވެ.

ވިލާ ފައުންޑޭޝަނުން ބުނީ މިހާރު އެ ތަފްސީރު، ވެބްސައިޓެއް މެދުވެރިކޮށް ކިޔާލެވޭނެ ކަމަށެވެ. އަދި، ވަރަށް އަވަހަށް އަައިއޯއެސްއާއި، އެންޑްރޮއިޑަށް ހާއްސަ އެޕްލިކޭޝަނެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ފޮތް ތަރުޖަމާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޝައިޚް މުޙައްމަދު ޢަބްދުﷲއެވެ. ޕްރޫފްބެލީ އަބްދުﷲ އަބްދުލް މުހުސިނާއި އިޔާޒް ނަސީމެވެ.

ދެ އަހަރު ދުހަވުގެ ތެރޭގައި ތަރުޖަމާކޮށް ނިންމި މި ފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ.

ވިލާ ފައުންޑޭޝަނުން ބުނީ އެ ތަފްސީރުގެ ބޭނުން މުދައްރިސުންނާއި، ދަރިވަރުންގެ އިތުރުން، ވީހާވެސް ގިނަ ބަޔަކު ހިފުމަކީ އެ މަސައްކަތުގައި އުޅުނު އެންމެންގެ އެދުމެއް ކަމަށެވެ.

comment ކޮމެންޓް