މާދަމާރޭ އައިޔޫއެމްގައި، އާންމުންނަށް ޤުރުއާނުގެ ޚާއްސަ މަހްރަޖާންއެއް

އަންގާރަ ދުވަހުގެރޭ އާއްމުންނަށް ހުޅުވާލައިގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ކީރިތި ޤުރުއާނުގެ ޚާއްސަ މަހްރަޖާން އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

މިއީ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން އިސްނަގައިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގުޅިގެން ކީރިތި ޤުރުއާނަށް ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުމަށް "މަޚްރަޖާނުލް ޤުރްއާނިލް ކަރީމް" ގެ ނަމުގައި ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މިކަމާ ގުޅިގެން ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން އަލްއުސްތާޛް މުޙައްމަދު މަންޞޫރު ވިދާޅުވީ، މިއީ ޢާއްމުންނަށް ހުޅުވާލައިގެން ކީރިތި ޤުރްއާން ތަފާތު ގިރާއަތްތަކަށް ކިޔަވާލާ އަޑުއަހާލުމަށް އަދި ތަފްސީރާއި އިޢުޖާޒުލް ޤުރްއާންގެ މަޢުލޫމާތު މުއްސަނދި ކޮށްލުމަށް ހާޟިރުވެލަން ވަރަށް ރަގަޅު ބައްދަލުވުމެއް ކަމަށެވެ.

އަދި މިބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ޤާރީންނާއި ދިވެހި ޤާރީވެރިންގެ ކިޔެވުން އަޑު އިވެގެންދާނެކަމަށް ވެސް ކުއްލިއްޔާއިން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ މަގުބޫލު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރުގެ ތަފްސީރުކުރުމާއި އިތުރު ޢިލްމުވެރިންގެ މައުލޫމާތުން ފުރިގެންވާ ވާހަކަފުޅުތަކެއް ވެސް މި ބައްދަލުވުމުގެ ތެރޭގައި އަޑު އިވިގެން ދާނެކަމަށް ވެސް ކުއްލިއްޔާއިން ބުނެފައިވެއެވެ.

މި ބައްދަލުވުން އޮންނާނީ، މާދަމާ ރޭ 21:20 ފެށިގެން 22:30 އަށެވެ. މި ބައްދަލުވުމުގައި ވީހާ ވެސް ގިން ބަޔަކު ބައިވެރިވުމަކީ ކުއްލިއްޔާގެ އެދުމެކެވެ

ދިވެހިން ހޭލުންތެރިކުރުމަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އަންނަނީ ވަރަށް ހާރާކާތްތެރިކޮށް ތަފާތު އެކިއެކި ޕްރޮގުރާމްތައް ތަޢާރަފުކޮށް ހިންގަމުންނެވެ.

އަދި ވަކީން ޚާއްސަކޮށް ރޯދަމަހު ޤުރުއާނުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް