ކީރިތި ޤުރުއާން ހަތިމުކުރުމުގައި 2.5 މިލިއަން މީހުން ބައިވެރިވެއްޖެ

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ މާތްވެގެންވާ މައްކާގެ ހަރަމް ފުޅުގައި ކުރި ތަރާވީހް ނަމާދާއި ކީރިތި ޤުރުއާން ހަތިމުކުރުމުގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި. ފޮޓޯ/ސިއާސަތު.ކޮމް

މި އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ވިލޭ ރޭ މާތްވެގެންވާ މައްކާގެ ހަރަމް ފުޅުގައި ކުރި ތަރާވީހް ނަމާދާއި ކީރިތި ޤުރުއާން ހަތިމުކުރުމުގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

މާތްވެގެންވާ ރަމަޟާން މަހުގެ 29 ވަނަ ރެއަކީ، އެ މަހުގެ އޮނަހިރި ރޭތަކުގެ އެންމެ ފަހު ރޭ ނުވަތަ ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދްރު ވިލޭރޭ ލިބުމުގެ ފުރުސަތުއޮތް އެންމެ ފަހު ރެއެވެ.

އިޝާ ނަމާދާއި ތަރާވީހް ނަމާދު އިމާމްވެ ކުރައްވައިފައި ވަނީ މުސްލިމުންގެ މާތްވެގެންވާ ދެ މިސްކިތް ކަމުގައިވާ ހަރަމް ފުޅާއި، މަދީނާގައި ހުންނަ ކީރިތި ރަސޫލާ މުޙައްމަދު ޞަލަﷲޢަލައިހި ވައްސަލަމްގެ މިސްކިތް، އަލް މަސްޖިދުލް އައް ނަބަވީގެ ކަންކަމާބެހޭ ރިޔާސަތުގެ އިސްވެރިޔާ ޝެއިޚް އަބްދުއްރަޙްމާން އަލް ސުދައިސް އެވެ.

ޝައިޚް އަލް ސުދަޢީސް ވަނީ މި ބަރަކާތްތެރި ރޭގައި ހުރިހާ މުސްލިމުންނަށް މާފުދެއްވައި، ނަރަކައިގެ އަޒާބުން ސަލާމަތްކޮށްދެއްވުމަށް، الله ތަޢާލާގެ ކިބައަށް ދުއާ ދަންނަވައިފައެވެ. ފަލަސްތީނުގައި ޔަހޫދީ އިސްރާއީލުން ކުރަމުންދާ ހަނގުރައިމައިގައި ފަލަސްތީނަށް ނަސްރު ދެއްވުމަށްވެސް ދުއާ ދަންނަވައިފައިވެއެވެ.

ހަރަމްފުޅުގެ އިތުރުން މި މާތް ރޭގައި ބައިވެރިވުމަށް އަލް މަސްޖިދުލް އައް ނަބަވީއަށްވެސް އެތައް މިލިއަން ބަޔަކު ވަނީ އެއްވެފައެވެ.

comment ކޮމެންޓް