ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި މަތީ ތައުލީމުގެ މާސްޓާ ޕްލޭން އިފްތިތާހުކޮށްފި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: މާސްޓާ ޕްލޭން ލޯންޗުކޮށްދެއްވި --

ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި މަތީ ތައުލީމުގެ މާސްޓާ ޕްލޭން އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައު އެ މާސްޓާ ޕްލޭން ލޯންޗުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ މާސްޓާ ޕްލޭންގެ ލަނޑުދަނޑިއަކީ 2022 ވަނަ އަހަރު ނިމޭ އިރު ހަޔާ އެޑިޔުކޭޝަންގެ އާބާދީ 22803 އަށް މަތިކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ހަޔާ އެޑިޔުކޭޝަންގެ މިހާރުގެ އާބާދީ އަކީ ކިހާވަރެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާ މާސްޓާ ޕްލޭން ލޯންޗު ކުރީ ދިވެހި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއްކޮށް، ދިވެހި ޒުވާނުން އެމްޕަވާކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާ އަދާކުރުމަށް ތަފާތު ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް ދިވެހި ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ ފުރުޞަތުތަކަށް ނެރުމަށް، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން، ތަފާތު ދާއިރާތަކަށް ޒުވާނުން ތަމްރީނުކޮށް ވަޒީފާތަކަށް ނެރެވުނެވެ. ތަފާތު އެކި އެކި ދާއިރާތަކަށް ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތުން އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދިޔަކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެއާ އެކު މިނިސްޓަރު ވިދާޅުވީ މަތީ ތަޢުލީމުގެ މާސްޓާ ޕްލޭން ބިނާވެގެން ވަނީ މައިގަނޑު ފަސް އަސާސެއްގެ މައްޗަށް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ސަރުކާރުން މަތީ ތަޢުލީމަށް 800 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.

މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ޕްލޭން އެކުލަވާލާފައި ވަނީ ރާއްޖެ އާއި ބޭރުގެ މަތީ ތައުލީމުގެ ދާއިރާތައް ދިރާސާކޮށް، އެކަމުގެ ފަންނީ ބޭފުޅުންގެ ލަފަޔާއެކުގައި ކަމަށެވެ.

އެ ޕްލޭނަކީ ވަރަށް މުހިއްމު، ބޭނުންތެރި ޕްލޭނެއް ކަމަށާއި ޕްލޭން އެކުލަވާލާފައި ވަނީ އަލަށް ވަޒީފާއަށް ނުކުންނަ ޒުވާނުންނާއި ވަޒީފާތަކުގައި ދެމިތިބި މީހުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަސޭހަކަމާ އެކީ ތަނަވަސްކޮށްދީ ފެންވަރުމަތިކޮށް އާ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމު ދިނުމުގެ މުހިއްމު ކަމެއް ކަމަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ތަޢުލީމަކީ ގައުމެއްގެ އިގްތިޞާތުގެ ތަޅުދަނޑި. ތަޢުލީމު ވެފައިވަނީ ގައުމުތަކުގެ ތަރައްގީގެ ނާރެހަށް. އަދި ތަޢުލީމު ވެފައި ވަނީ އިޖުތިމާޢީ ރައްކާތެރިކަމުގެ ސޯޝަލް އިންޝުރަންސް އަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިސްޓަރު ވިދާޅުވީ ރާއްޖޭގައި ސަރުކާރުގެ ދެ ޔުނިވަސިޓީ އަކާއި ދެ ކޮލެޖަކާއި ޕޮލިޓެކްނިކެއް އެބަހުރި ކަމަށާއި އަދި ނުވަ އަމިއްލަ ކޮލެޖާއި 66 މަތީ ތަޢުލީމުދޭ މަރުކަޒުތައް ގާއިމުކޮށްފައި ހުރިކަމަށެވެ. އަދި އެ ތަންތަނުގައި 15195 ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖީސީއޯ ލެވެލްގެ ތިން ފާސް އޮންނަ ކޮންމެ ކުއްޖަކަށް ވެސް މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ހުޅުވައިލާފައިވާ ކަމަށާއި މުޅި މުޖުތަމަޢުއަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ ލަނޑުދަނޑިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް