ނައިޓް މާކެޓް ކެންސަލް ކޮށްފި

ކުރީ ބޭއްވި ނައިޓު މާކެޓުގެ ތެރެއިން ----- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ނައިޓްމާކެޓް މި އަހަރު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއްގައި އާސިފް މިއަދު ވިދާޅުވީ، މި އަހަރުގެ ނޮވެމްބަރު މަހުގެ 15ގައި ނަޓްމާކެޓް ބޭއްވުމަށް ހައުސިން މިނިސްޓްރީ އިން ހުއްދަދީފައިވީ ނަމަވެސް އެކަމަށް އެމިނިސްޓްރީގެ އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ނައިޓް މާކެޓް ކެންސަލް ކުރީ އެހެންވެ ކަމަށެވެ.

ހައިސިން މިނިސްޓްރީ އިން ނައިޓް މާކެޓް ހިންގުމުގެ ކަންކަމުގައި ކަނޑައަޅާފައި ހުރި ބޭފުޅަކީ ޗުއްޓީއެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި ބަދަލުގައި ކަނޑައަޅުއްވާފައި ހުންނެވި ބޭފުޅަކަށް މިކަމުގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފޮނުވާ ސިޓީތަކުގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަދީފައި ހުރޭ. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގެ އެކަން ކުރަންވީ ކިހާ ސަރަހައްދެއްގައި ކަމެއް. އަދި އެކަމުގެ އެއްވެސް އިންތިޒާމެއް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ހަމަޖެހިފައެއް ނެތް،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އިން ސިޓީއެއް ލިިބުނު ކަމަށާއި އެ ސިޓީގައިވާ ގޮތުން ނައިޓް މާކެޓް ކުރިޔަށް ގެންދިއުމަށް އެއްބަސްވުމެއް ހޯދަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ ކޮންޓްރެކްޓްގައި ވަނީ ކޮން ކަންތައްތަކެއްކަމެއް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއަކަށް ނޭނގޭ ކަމަށް އާސިފް ވިދާޅުވި އެވެ.

"ކޮންޓރެކްޓްއެއް ހަދަންޖެހޭނެޔޭ ކިޔާފައި މިނިސްޓްރީ އިން ސިޓީއެއް ފޮނުވި. އެކަމަކު އެ ކޮންޓްރެކްޓްގައި ހިމެނޭ ކަންތައްތަކެއް، ވާނުވާއެއް މިކޮޅަކަށް އެނގިފައެއް ނެތް. އެހެންވީމާ އެއްފަރާތަކަށް މިކަންކަން އެނގިގެން ކޮންޓްރެކްޓްތަކެއް ނެހެދޭނެ." އާސިފް ވިދާޅުވި އެވެ.

މާ ލަސްނުކޮށް ނައިޓް މާކެޓް ކެންސަލް ކުރި ސަބަބަކީ ހައުސިްނ މިނިސްޓްރީ އިން އެއްބާރުލުން ނުދީ މިކަން ވާނެ ކަމަށް ނުފެންނާތީވެ، ލިބިދާނެ ބޮޑެތި ގެއްލުންތަކަކުން ސަލާމަތް ކުރުމަށް ކަމަށް އާސިފް ވިދާޅުވި އެވެ.

ނައިޓް މާކެޓްގައި ބައިވެރިވުމަށް ހުޅުވާލުމުން މޭޒު ހޯދުމަށް 800 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ އިރު އެއްވެސް ފަރާތެއްގެ އަތުން އަދި ފައިސާ ނަގާފައި ނުވާކަމަށް އާސިފް ވިދާޅުވި އެވެ.

ނައިޓްމާކެޓް ނުބާއްވަން ނިންމި ނިންމުމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބެގޮތް ނުވެފަ އެވެ.

comment ކޮމެންޓް