ސެމީގެ ފުރަތަމަ ޖާގަތައް ކޮށްދިއްޕަރާއި އަނަންތަރާއަށް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝް ލީގުގައި ޝެރަޓަންއާއި އަނަންތަރާ ބައްދަލުކުރި ކުއާޓާގެ ދެވަނަ ލެގު މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ އަނަންތަރާއިން ވަނީ ސެމީގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ ވީއޭއެމް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ގްރޭންޑް ޕާކް ކޮށްދިއްޕަރާއި އަނަންތަރާއިން ހޯދައިފިއެވެ.

ކޮށްދިއްޕަރާއި އަނަންތަރާއިން ސެމީގެ ޖާގަތައް ހޯދީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު މެޗުތައް ކާމިޔާބުކޮށްގެންނެވެ. ކުރިން ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުތައް ވެސް ކޮށްދިއްޕަރާއި އަނަންތަރާއިން ވަނީ ކާމިޔާބުކޮށްފައެވެ.

ޒޯން ތިނެއްގެ ޗެމްޕިއަން ކަނޑިންމާއާއި ޒޯން އެކެއްގެ ޗެމްޕިއަން ކޮށްދިއްޕަރު ބައްދަލުކުރި ކުއާޓާގެ ދެވަނަ ލެގު މެޗު ކުޅުނީ ކަނޑިންމާގައެވެ. އެ މެޗުން ކޮށްދިއްޕަރު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ކޮށްދިއްޕަރުން ގެންދިޔައީ 25-20، 25-22، 25-27 އަދި 25-19 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކޮށްދިއްޕަރުގެ މުހައްމަދު ގާސިމްއެވެ.

ޒޯން އެކެއްގެ ތިންވަނަ ޝެރެޓަންއާއި ޒޯން ފަހެއްގެ ރަނަރަޕް އަނަންތަރާ ބައްދަލުކުރި ކުއާޓާގެ ދެވަނަ ލެގު މެޗު ކުޅުނީ ޝެރަޓަންގައެވެ. އެ މެޗުން އަނަންތަރާ މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ ސެޓުތައް އަނަންތަރާއިން ގެންދިޔައީ 13-25، 26-24، 16-25، 25-22 އަދި 12-15 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ.

ކޮށްދިއްޕަރާއި އަނަންތަރާއާއެކު ސެމީގައި ވާދަކުރާ ފަހު ދެ ޓީމު ކަށަވަރު ވެގެންދާނީ މިއަދު ހަވީރު ކުޅޭ ކުއާޓާގެ މެޗުތަކަށްފަހުއެވެ. ޒޯން އެކެއްގެ ރަނަރަޕް ބަނޑޮސް މޯލްޑިވްސްއާއި ޒޯން ދޭއްގެ ޗެމްޕިއަން ޖުމޭރާ ވިއްޓަވެލި ބައްދަލުކުރާ ކުއާޓާގެ ދެވަނަ ލެގު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ބަނޑޮހުގައެވެ. އަދި ޒޯން ހަތަރެއްގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސްއާއި ޒޯން ފަހެއްގެ ޗެމްޕިއަން ސޮނޭވާފުށި ބައްދަލުކުރާ ދެވަނަ ލެގު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައެވެ.

އެ މުބާރާތުގެ ސެމީގައި ވެސް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް