'ބަރޭލީ ކީ ބަރްފީ' އަށްފަހު ރާޖްކުމާރު ރާއޯ އަށް ކައިވެނީގެ ހުށަހެޅުންތަކެއް!

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ރާޖްކުމާރު ރާއޯގެ އެންމެ ފަހުގެ ފިލްމު 'ބަރޭލީ ކީ ބަރްފީ'ގައި އޭނާ އަދާކޮށްފައިވާ ރޯލުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެން ކުދިންގެ ފަރާތުން ކައިވެނީގެ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި 'ބަރޭލީ ކީ ބަރްފީ'ގައި ރާޖްކުމާރުގެ އިތުރުން ދެން ފެނިގެން ދާނީ ކްރިތީ ސެނަން އަދި އާޔޫޝްމަން ޚުރާނާއެވެ. ފިލްމަށް އާންމުންގެ މެދުގައި ތަރުހީބު ބޮޑު އިރު، ތިން އެކްޓަރުންގެ ފަރާތުން ފެނިގެން ދިޔަ އެކްޓިން އަށް ކްރިޓިކުންގެ ފަރާތުން ވެސް ވަނީ ތައުރީފު ލިބިފައެވެ.

ޚާއްސަކޮށް ރާޖްކުމާރު ފިލްމުގައި އަދާކުރި ރޯލަށެވެ. ފިލްމުގައި ރާޖްކުމާރުގެ ވަރަށް ތަފާތު ދެ ރޯލެއް ފެނިގެން ދެ އެވެ. އެއީ ވަރަށް މައުސޫމް ވިޔަފާރިވެރިއެއްގެ ރޯލުގެ އިތުރުން ސަރަހައްދުގައި އުޅޭ ގޭންގްސްޓާރެއް ކަހަލަ މީހެއްގެ ރޯލެވެ.

ރާޖްކުމާރު ބުނީ ގިނަ ޑައިރެކްޓަރުން ވެސް އޭނާއަށް ފޯނުން ގުޅައި، ތައުރީފު ކުރަމުން އަންނަ ކަމަށެވެ.

"އޭގެ އިތުރުން ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް ގިނަ އަންހެން ކުދިން އަންނަނީ އަހަންނަކީ ވަރަށް 'ލޯބި' މީހެއް ކަމަށް ބުނެ މެސެޖު ކުރަމުން. ބައެއް ކުދިން މިހާރު ކައިވެންޏަށް ވެސް އަހައިފި،" ރާޖްކުމާރު ބުންޏެވެ.

ނަމަވެސް ރާޖްކުމާރު ވަނީ އެ ކުދިންނަށް ވަރަށް ހިތާމަވެރި ޚަބަރެއް ދީފައެވެ. އޭނާ ހުރީ ސިންގަލް ކޮށެއް ނޫނެވެ. އަދި ލޯބިވެރިޔާ ދޫކޮށްލުމުގެ ވިސްނުމެއް ވެސް ނުގެންގުޅެ އެވެ.

ރާޖްކުމާރު ބުނީ ދެމީހުން ވެސް އަދި އިސްކަން ދެނީ މަސައްކަތަށް ކަމަށާއި، އެހެން ނަމަވެސް ކައިވެނި ކުރާނެ ކަމަށެވެ.

comment ކޮމެންޓް