ލަންކާގައި ހުންނަވާ ސަފީރަކަށް މުންދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

މުންދު: ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު ކަމަށް އައްޔަނު ކުރުމަށް އޭނާގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށް ފަހު މުންދުއަށް ރުހުން ދިނުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމެޓީން، މުންދުއަށް ރުހުން ދިނުމަށް ފާސްކުރި އިރު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެއެވެ.

ސަބަބެއްގެ ގޮތުގައި އެ މެންބަރުން ވިދާޅުވަމުން ދަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ އަކީ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ޖަލްސާއެއް ކަމަށްވުމުން އެ ޖަލްސާއިން މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވައިގެން ފާސްކުރާ ކަންކަން ވެސް ސައްހަ ނުވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު އެ ޖަލްސާއަށް ވަނީ މުންދުއަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައެވެ.

މިއަދުގެ ކޮމެޓީގައިވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވުމާމެދު ފެންނަކަމަށް ވެސް ފާސްކޮށްފައެވެ.

މުންދަކީ މިހާރު ވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. މުންދު އެ މަގާމުން ވަކިކުރި ކަމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ސްރީލަންކާގައި ކުރިން ރާއްޖޭގެ ސަފީރެއްގެ ގޮތުން ހުންނެވީ ޒާހިޔާ ޒަރީރެވެ. ޒާހިޔާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

comment ކޮމެންޓް