ބަނޑޮހާއި ސޮނޭވާއަށް މޮޅެއް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝް ލީގުގައި ސޮނޭވާއާއި ކޮންރޭޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ ސޮނޭވާ --- ފޮޓޯ/ ވީއޭއެމް

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝް ލީގުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުތަކުން ބަނޑޮސް މޯލްޑިވްސްއާއި ސޮނޭވާފުށި މޮޅުވެއްޖެއެވެ.

އިއްޔެ ޒޯން ދޭއްގެ ޗެމްޕިއަން ޖުމޭރާ ވިއްޓަވެލި އަތުން ޒޯން އެކެއްގެ ރަނަރަޕް ބަނޑޮސް މޮޅުވިއިރު، ޒޯން ފަހެއްގެ ޗެމްޕިއަން ސޮނޭވާ މޮޅުވެފައިވަނީ ޒޯން ހަތަރެއްގެ ޗެމްޕިއަން ކޮންރޭޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަތުންނެވެ.

ބަނޑޮހާއި ޖުމޭރާ ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގު މެޗު ކުޅެފައިވަނީ ބަނޑޮސް މޯލްޑިވްސްގައެވެ. އެ މެޗުން ބަނޑޮސް މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 25-23، 25-23، 23-25 އަދި 25-17 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮހުގެ އަޝްފާގު އާދަމް (އައްކަޅޭ)އެވެ.

ސޮނޭވާއާއި ކޮންރޭޑް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގު މެޗު ކުޅެފައިވަނީ ސޮނޭވާފުށީގައެވެ. އެ މެޗުން ސޮނޭވާ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ސޮނޭވާއިން ގެންދިޔައީ 25-9، 25-17، 18-25 އަދި 25-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮނޭވާގެ ހުސައިން ރައްޒާންއެވެ.

އެ މުބާރާތުގެ ކުޅުން، މިދިޔަ އާދީއްތަ ދުވަހު ފެށިގެންދިޔައީ މިދިޔަ އާދީއްތަ ދުވަހު ކުއާޓާ ފައިނަލާ ހިސާބުންނެވެ. އެ ދުވަހު ކުއާޓާގެ ފުރަތަމަ ލެގު ދެ މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުގައި ޒޯން ތިނެއްގެ ޗެމްޕިއަން ކަނޑިންމާ އަތުން ޒޯން އެކެއްގެ ޗެމްޕިއަން ކޮށްދިއްޕަރު ވަނީ މޮޅުވެފައެވެ. އެ ދުވަހު ކުޅުނު ދެވަނަ މެޗުގައި ޒޯން އެކެއްގެ ތިންވަނަ ޝެރެޓަން އަތުން ޒޯން ފަހެއްގެ ރަނަރަޕް އަނަންތަރާ ވަނީ މޮޅުވެފައެވެ.

އެ މުބާރާތުގެ ކުއާޓާގެ ދެވަނަ ލެގު ދެ މެޗެއް މިއަދު ހަވީރު ކުރިއަށްދާނެއެވެ. ކަނޑިންމާއާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ބައްދަލުކުރާ ކުއާޓާގެ ދެވަނަ ލެގު މެޗު ކަނޑިންމާގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ޝެރެޓަންއާއި އަނަންތަރާ ބައްދަލުކުރާ ކުއާޓާގެ ދެވަނަ ލެގު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ޝެރެޓަންގައެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ކުއާޓާ ފައިނަލްގެ ދެ ލެގު މެޗަށްފަހު ކުރި ހޯދާ ހަތަރު ޓީމެވެ. ސެމީގައި ވެސް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް