މައްކާއަށް މޫސުން ގޯސްވެ ވަޔާއި ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް ލަފާކޮށްފި

ހަރަމްފުޅުގެ ސަަރަހައްދަށް އިއްޔެ ވާރޭ ވެހެނީ (ސައޫދީ މީޑިޔާ)

މައްކަތުލްމުކައްރަމާ (22 އޮގަސްޓް 2017): މައްކާއަށް އިއްޔެ ވާރޭވެހިފައި ވާއިރު މިއަދުވެސް މޫސުން ގޯސްވެ ވަޔާއި ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް ސައޫދީގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

މޫސުން ލަފާކޮށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ހޫނު މޫސުން ނިމި ޚަރީފު މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު މައްކާއާއި މައްކާގެ ވަށައިގެންވާ ސަރަހައްދުތަކަށް ވާރޭ ވެހުމަކީ އާންމު ކަމެއްކަމުގައެވެ. އިއްޔެ ވަނީ މައްކާގެ ހަރަމްފުޅުގެ ސަރަހައްދު ހިމެނޭ ގޮތަށް މައްކާގެ ބޮޑުބައަކަށް މެދުމިނަކަށް ވާރޭވެހިފައެވެ. އިއްޔެ ވާރޭވެހުނު ސަރަހައްދު ތަކުގެ ތެރޭގައި ޖިއްދާއާއި މައްކާއާއި މަދީނާ އާ ދެމެދުގައިވާ ސަރަހައްދުތައްވެސް ހިމެނެއެވެ.

ހަރަމްފުޅުގެ ސަަރަހައްދަށް އިއްޔެ ވާރޭ ވެހެނީ (ސައޫދީ މީޑިޔަ)

ސައޫދީ މަދަނީ ދިފާއާބެހޭ އިދާރާއިންވަނީ ކުރިޔަށްއޮތް ދެތިން ދުވަހު މައްކާއަށް ބޯކޮށް ވާރޭ ވެހިދާނެކަމަށް ލަފާކޮށް ވިއްސާރައަށް ބަލައިގެން ދަތުރުފަތުރު ކުރުމަށާއި ކަންކަން ރޭވުމަށް ހައްޖުވެރިންނަށާއި ހައްޖުގެ ކަންކަން އިންތިޒާމު ކުރާ އިދާރާތަކާއި ގްރޫޕްތަކަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ. އަދި ވައި ގަދަވުމާއި ވެލީގެ ތޫފާން އައުމާއި ވާރޭވެހި ފެންބޮޑު ވުންފަދަ ކަންކަން ހިނގާފާނެތީ އެކަމުގެ ސަބަބުން ކަރަންޓް ކަނޑައިގެން ދިޔުންފަދަ ކަންކަން ހިނގައިފާނެ ކަމަށް ބަލައި އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.

މައްކާއަށް އިއްޔެ ވަރޭ ވެހިފާ (ސައޫދީ މީޑިޔާ)

އަނެއްކޮޅުން ހައްޖު މަހުގެ ހަނދު ރޭ ފެނިފައި ނުވާތީ މިއަދަކީ ޛުލްގައިދާ މަހުގެ ތިރީސް ވަނަ ދުވަސްކަމަށާ މާދަމާ (ބުދަ ދުވަހަކީ) ހައްޖުމަހުގެ އެއްވަނަ ދުވަސްކަމަށްވެސް ސައޫދީ ހައިކޯޓުން ވަނީ ނިންމާފައެވެ. މިއާއެކު ތަރްވިޔާގެ ދުވަސްކަމަށް ވާނީ މި އޮގަސްޓް މަހުގެ ތިރީސްވާ ބުދަ ދުވަހެވެ. އަދި ހައްޖު ދުވަހަކީ (ހައްޖުވެރިން އަރަފާތުގައި ތިބޭ ދުވަހަކީ) މި އޮގަސްޓް މަހުގެ އެއްތިރީސް (ހައްޖުމަހުގެ ނުވަވަނަ ދުވަސް) ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ތަރްވިޔާގެ ދުވަހަކީ ހައްޖު ދުވަހަށް އަރަފާތަށް ދިޔުމަށް ތައްޔާރުވުމުގެ ގޮތުން ހައްޖުވެރިން މިނާއަށް ދާ ދުވަހެވެ.

މައްކާގެ ހޮޓާތައް ހުންނަ ސަރަހައްދަށް އިއްޔެ ވާރޭ ވެހިފާ (ސައޫދީ މީޑިޔާ)

މައްކާއާއި މައްކާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ފިނިހޫނު މިން އުޅެނީ ދުވާލު ތިރީސް އަށް ޑިގްރީ ސެލްސިއަސް އާއި ސާޅީސް ހަތަރު ޑިގްރީ ސެލްސިޔަސްއާ ދެމެދުގެ މިންވަރެއްގައެވެ. ނަމަވެސް ރޭގަނޑު އަށާވީހާއި ތިރީސް ޑިގްރީ ސެލްސިޔަސް އާ ދެމެދުގެ މިންވަރަކަށް ހޫނުމިން ދަށަށްދާކަމަށްވެސް ސައޫދީ މުސުމާބެހޭ އިދާރާއިން ހަމަކޮށްފައިވެއެވެ. ފަތިސްވަގުތު ބައެއް ރޭރޭ ހަތާވީސް ޑިގްރީ ސެލްސިޔަސް އަށް ފިނި ހޫނުމިން ދަށަށްދާކަމަށްވެސް ބުނެފައިވެއެވެ. (ސައޫދީ ނޫސް އެޖެންސީ)

comment ކޮމެންޓް