ރާއްޖޭގައި ބާއްވާ ހަމަ އެކަނި ބޮޑި ބިލްޑިންގ މުބާރަތުގެ އެއްވަނަ މުހައްމަދު ޔާމީން (ޔާމްބެގެ) އަމާޒަކީ 51 އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ނަން ވިދުވާލުން ކަމަށް އޭނާ ބުނެފިއެވެ.
ދެކުނު ކޮރެއާގައި ހުރެގެން "ސަންސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއެއި އޭނާ ބުނީ މިފަހަރުގެ މިސްޓަ މޯލްޑިވްސް މުބާރަތުގައި ވާދަކުރި އިރުވެސް ވިސްނުން ހުރީ އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށްކަމަށެވެ.
"އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ ނަން ވިދުވާލުން އަމާޒަކީ. އިރާދަކުރެއްވިއްޔާ ދިވެހި ފަހުރުވެރިކޮށްދޭނަން،" ޔާމްބެ ބުންޏެވެ.
މިސްޓަރ މޯލްޑިވްސް ބުނީ 148 ގައުމުން އެތަކެއް އެތްލީޓުން މުބާރަތުގައި ވާދަކުރި ނަމަވެސް ޖެހިލުން ނުވާ ކަމަށާއި ރާއްޖޭގައިވެސް ވަރުގަދަ ބޮޑީ ބިލްޑަރުން ތިބިކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ދިވެހި މުޖުތަމައުއަށް ފިޓްކޮށް ތިބުމާ ގުޅޭ ހާއްސަ މެސެޖެއް ބޮޑީ ބިލްޑަރުންނަށް ފޯރުކޮށްދިނުން ކަމަށް ޔާމްބެ ބުންޏެވެ.
އޭނާ އާއި ޓީމްވެސް އޮތީ މުބާރާތައް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި އަމާޒަށް ވާސިލްވުމަށް މުޅި ޓީމުވެސް ކެތް މަދު ވެފައިވާ ކަމަށް ޒުވާން މިސްޓަރ މޯލްޑިވްސް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ޔާމްބެގެ އިތުރުން "ދި ހެމާ" އަށް ނިސްބަތްވާ މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސް އަހްމަދު ރަޝީދު އަދި މި އަހަރުގެ މިސްޓަރ މޯލްޑިވްސްގައި އެންމެ ތަފާތު ހުނަރެއް ދެއްކި އަހްމަދު ފަޒީލް ދެކުނު ކޮރެއާގައި ހުރި އިރު، އެ ޓީމްގައި މިހާތަނަށް އޭޝިއާ މުބާރަތުގައި ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދި އެތުލީޓު ޝާހީން އިބްރާހިމް ދީދީ ވެސް ހިމެނެއެވެ.
މިފަހަރުގެ މުބާރަތުގައި 148 ގައުމު ވާދަކުރާއިރު ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލީޓުން ތިބީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް މޯލްޑިވްސް ބޮޑީ ބިލްޑިންގ ފެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވަނީ ވިދާޅުވެފައެވެ.
އޭޝިއަން ބޮޑީ ބިލްޑިންގ މުބާރަތުގެ ވާދަކުރުންތައް ފެށިގެންދާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ މުބާރަތުގެ އިތުރުން މާދަމާ އޭޝިއަން ބޮޑީ ބިލްޑިންގ ފެޑްރޭޝަންގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.