'ބޭހަދް' ނިންމާލަނީކީ ނޫން، ދައްކާ ގަޑި ބަދަލުކުރަނީ

ސޮނީ ޓީވީ އިން ގެނެސްދޭ މަގުބޫލު ޑްރާމާ ސިލްސިލާ 'ބޭހަދް' ހުއްޓާލަން ކުރިން ނިންމި ނަމަވެސް، މިހާރު ޑްރާމާ ދައްކާ ގަޑި ބަދަލުކޮށް، ޑްރާމާ ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފި އެވެ.

ކުޝާލް ޓަންޑަން އަދި ޖެނިފާ ވިންގެޓް ލީޑު ރޯލުން ފެނިގެންދާ 'ބޭހަދް' އަކީ ބެލުންތެރިންގެ ތަރުހީބު ބޮޑު ޑްރާމާ އެކެވެ. ޑްރާމާ ހުއްޓާލަން ނިންމީ ޑްރާމާ އޮން އެއާ ކުރާ ގަޑީގައި އަމީތާބް ބައްޗަންގެ 'ކޯން ބަނޭގާ ކްރޯރުޕަތީ (ކޭބީސީ) ދައްކަން ހަމަޖެހުމުންނެވެ.

ކޮންމެއަކަސް އެ ނިންމުން ވެގެން ދިޔައީ ޑްރާމާ އަށް ލޯބިކުރާ މީހުންނަށް މާ ރަނގަޅު ޚަބަރަކަށް ނޫނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ނިންމުމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

އެހެންކަމުން އާންމުންގެ ޑިމާންޑާއި އެއްގޮތަށް ޑްރާމާ ކުރިއަށް ގެންދަން މިވަނީ ނިންމައިފަ އެވެ. ކުޝާލް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

މި މަހުގެ ފަހުކޮޅު ޑްރާމާ އޮފް އެއާ ކުރުމުގެ ބަދަލުގައި އަންނަ މަހުން ފެށިގެން ޑްރާމާ ދައްކަން ފަށާނީ 'ކޭބީސީ' އަށް ފަހު ރޭގަނޑު 10 ޖަހާއިރު އެވެ.

އަންނަ އޮކްޓޫބަރުގެ ނިޔަލަށް 'ބޭހަދް' ސޮނީ ޓީވީ އިން ދައްކާނެ އެވެ.

comment ކޮމެންޓް