ކުޑަކުދިންގެ ޕާކެއް ބަންދު ކުރުން ހުއްޓުވުމަށް ހަތް އަހަރުގެ އިންޑިއާގެ ކުއްޖެއް

އުމުރުން ހަތް އަހަރުގެ ނަވްޔާ ވަނީ އެ ޕާކު ކޮމިއުނިޓީ ހޯލަކަށް ބަދަލުނުކުރުމަށް އެދިފައި -- ފޮޓޯ/ ބީބީސީ

އުމުރުން ހަތް އަހަރުގެ ނަވްޔާ ސިންހު ބުނާ ގޮތުގައި އޭނާގެ ގެ ކައިރީގައި ހުންނަ ކުޑަކުދިންގެ ޕާކަކީ އޭނާ "އެންމެ ގަޔާވާ" ތަނެވެ. އަދި އެއީ ނަވްޔާ "އެންމެ ތުއްތު އިރުން ފެށިގެން ވެސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ދާ" ތަނެކެވެ.

ނަމަވެސް ދިއްލީ ޑެވެލޮޕްމެންޓް އޮތޯރިޓީ (ޑީޑީއޭ) އިން ވަނީ ދިއްލީގެ ރޮހިނީގައި އެ ޕާކު ހުންނަ ތަނުގައި ކޮމިއުނިޓީ ހޯލެއް އެޅުމަށް ޖޫން މަހު އެ ޕާކު ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ނަވްޔާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އަދި އެ މަސައްކަތް ހުއްޓުވުމަށް ނަވްޔާ ވަނީ ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ސިޓީއެއް ލިޔެފަ އެވެ.

ބޮޑުވަޒީރު މޯދީއަށް ނަވްޔާ ލިޔުނު ދެ ސަފްހާގެ ސިޓީގައިވާ ގޮތުން އޭނާގެ އާދޭސް ބޮޑުވަޒީރު އައްސަވާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ.

"އެންމެން ބުނަނީ ބޮޑުވަޒީރަށް މިފަދަ 1000 ސިޓީ ދާނެ ކަމަށާއި އެހެންކަމުން ބޮޑުވަޒީރު މިސިޓީ ވިދާޅުނުވާނެ ކަމަށް. ނަމަވެސް އަޅުގަނޑުގެ އާދޭސް އައްސަވާނެ ކަމަށް ގަބޫލުކުރަން. މިޕާކަކީ އަޅުގަނޑުމެންގެ ދިރުން،" ނަވްޔާގެ ސިޓީގައިވެ އެވެ.

އަދި "ބޮޑުބޭބެ މޯދީ އަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް ކަމަށް އެންމެން ބުނާ ކަމަށާއި" އެހެންކަމުން "އޭނާގެ ޕާކު ސަލާމަތް ކޮށްދެއްވާނެ" ކަމަށް އުއްމީދު ކުރާ ކަމަށް ސިޓީގައިވެ އެވެ.

ޑީޑީއޭއިން ވަނީ ޕާކު ބަންދުކޮށް، އެއް ފަރާތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައި -- ފޮޓޯ: ބީބީސީ

ނަވްޔާގެ އިތުރުން އެޕާކު ބޭނުން ކުރާ އެހެން ރައްޔިތުންވެސް ވަނީ ޕާކު ބަންދު ނުކުރުމަށް ގޮވާލައި އެޕާކު ކައިރީގައި މުޒާހަރާކޮށްފަ އެވެ. ނަމަވެސް ޑީޑީއޭއިން ވަނީ ފުލުހުން ގެނެސްގެން އެޕާކު ބަންދުކޮށްފަ އެވެ. އެހެންކަމުން ނަވްޔާ އާއި އޭނާގެ ބައްޕަ ނިންމީ އެމައްސަލަ ކޯޓަށް ގެންދާށެވެ.

"(ޕާކު ބަންދު ކުރުމުން) ނަވްޔާ އަބަދު އަހަނީ ދެން ކޮންތާކުހޭ ކުޅޭނީ؟ އަޅުގަނޑުމުންނަށް އެހީވާނީ ކާކުހޭ؟ ދެން އަޅުގަނޑަކީ ވަކީލެއް ވީމަ އަޅުގަނޑުގެ ހިޔާލަށް އައި ތަނަކީ ކޯޓު،" ނަވްޔާގެ ބައްޕަ، ދީރާޖް ކުމާރު ސިންހު ވިދާޅުވި އެވެ.

ނަވްޔާގެ ބައްޕަ ކޯޓަށް ހުށަހެޅި ޕެޓިޝަނުގައިވާ ގޮތުން އެ ޕާކު ހުރި ސަރަހައްދާ "އެންމެ 50 މީޓަރު ދުރުގައި" ކޮމިއުނިޓީ ހޯލެއް ހުރުމުން، އެތަނުގައި އިތުރު ކޮމިއުނިޓީ ހޯލެއް އެޅުމަކީ "ސަރުކާރުގެ ފައިސާ ބޭކާރު ގޮތުގައި" ހޭދަ ކުރުމެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމަށްފަހު ދިއްލީ ހައި ކޯޓުން ވަނީ ޕާކުގައި ކުރާ ކޮންސްޓްރަކްޝަން މަސައްކަތް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ. އަދި އަންނަ މަހު އޮންނަ ދެ ވަނަ އަޑު އެހުމާ ޖެހެންދެން ޕާކު ހުޅުވާފައި ބެހެއްޓުމަށް އަންގާފަ އެވެ.

ނަވްޔާއަށް މިހާރު ވަނީ ޕާކުގައި ކޮންސްޓްރަކްޝަން މަސައްކަތް ނުފަށާ އޮތް ސަރަހައްދުގައި ކުޅޭނެ ފުރުސަތު ލިބިފަ އެވެ. އަދި އޭނާ އުއްމީދު ކުރަނީ ކޯޓާއި "ބޮޑުބޭބެ މޯދީ"ގެ އެހީއާއެކު ކުރިއަށް އޮތް ތަނުގައި މުޅި ޕާކު ވެސް އެންމެންނަށް ހުޅުވާލާނެ ކަމަށެވެ.

comment ކޮމެންޓް