ކޮރަޕްޝަން ފައިސާގައި ހޮވުނު މަޖިލިސް މެމްބަރަކު ޕީޕީއެމް އަކު ނުހުންނާނެ: އަދުރޭ

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކޮރަޕްޓް ފައިސާ އިން ހޮވުނު އެއްވެސް މެމްބަރަކު ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ނުހުންނާނެ ކަމަށް ޕީޕީއެމްގެ ނަިއބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ޕީޕީއެމްގެ ޖަގަހަ "ރުމާލު ދޭއް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމުން ކޮންމެހެން ހޮވަން ޖެހޭ މެމްބަރުން ހޮވަން ހަރަދުކުރީ އަދީބު ކަމަށެވެ. އަދި އަދީބު ހަރަދު ކުރެއްވި ކޮރަޕްޝަންގެ ފައިސާ އިން ހޮވިވަޑައިގެންފައިވާ މެމްބަރަކު ނަމަ އިސްތިއުފާ ދެއްވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން އެ ވާހަކަފުޅު އަމާޒު ކުރެއްވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ނޫން ކަމަށެވެ.

"އަހުމަދު އަދީބުގެ ކޮރަޕްޝަން ފައިސާގައި ހޮވުނު މެމްބަރެއް ޕީޕީއެމެގައި ނުހުންނާނެ، އެއީ ވަރަށް ސާފު ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީނާ ހަވާލާ ދެއްވައި އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ މަސައްކަތަށް އޭރު ލިބުނު ފައިސާ ހުންނާނީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ. އެހެންކަމުން މަޖިލިސް މެމްބަރުން ހޮވަން ހަރަދު ކުރީ އެ ފައިސާ އިން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި "އެފައިސާ އަކީ އަދީބު ކޮރަޕްޝަނުގެ ގޮތުގައި ހޯދާފައި ހުރި ފައިސާ ކަމަށް ނުބެލެވޭނެ" ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނުގެ ގެކޮޅަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ވެއްދި ކަމަށް ރައިސް ޔާމީން ވިދާޅު ނުވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

comment ކޮމެންޓް