ޔޫއެން އަށް ވެސް 'ޓޮއިލެޓް' ކަމުގޮސްފި

މިހާރު ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ތައުރީފު ވެސް ލިބިއްޖެ އެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުން ހާމަ ތަންތަނުގައި ފާޚާނާ ކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި މައްސަލަތަކުގެ އިތުރުން އެ ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމަށް އާންމުންގެ ފަރާތުން ވެސް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ފިލްމުން ލިއްބައިދޭ މެސެޖުގެ މުހިންމުކަން ހާމަކޮށް ޔޫއެން އިން ވަނީ އަކްޝޭ އާއި ފިލްމުގެ ބަތަލާ ބޫމީ ޕެދްނޭކަރު ޓެގް ކުރުމަށް ފަހު ޓުވީޓެއް ކޮށްފައެވެ.

ބޫމީ ވަނީ ޔޫއެން އިން ފިލްމުގެ މަސައްކަތް ފާހަގަ ކުރުމުން އެކަމަށް ޝުކުރު އަދާކޮށްފައެވެ.

'ޓޮއިލެޓް' އަކީ އިންޑިއާގެ ބޮޑުވަޒީރުގެ "ސްވަޗް ބާރަތު" ކެމްޕެއިންގެ ބައެއް ކަމަށް ބުނެ ފާޑުކިޔުންތައް ލިބެމުން ދިޔަ ނަމަވެސް، ފިލްމަށް ލިބެމުން އަންނަ ތަރުހީބު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ފިލްމަށް ފަސް ދުވަހުން 83.5 ކުރޯރު ލިބިފައިވާ އިރު، މި ހަފްތާ ތެރޭގައި ފިލްމަށް 100 ކުރޯރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

'ޓޮއިލެޓް' އަކީ މި އަހަރު ރިލީޒް ކުރި އަކްޝޭގެ ކާމިޔާބު ދެވަނަ ފިލްމެވެ. އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސައިންސް ފިކްޝަން ފިލްމު '2.0' އިން، ރަޖްނީކާންތު އާއެކު އެވެ. އޭގެ އިތުރުން 'ޕެޑްމޭން' އާއި 'ގޯލްޑް'ގެ މަސައްކަތް ވެސް އަކްޝޭ އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް