ޗައިނާއަކީ އިތުބާރު ކުރެވޭނެ ތަރައްގީގެ ޕާޓްނަރެއް: ފޮރިން މިނިސްޓަރު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގުގެ ވަދާއީ ހަފްލާގައި ފޮރިން މިނިސްޓަރުއާސިމްވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއާ ގުޅުން އޮންނަ ގައުމުތަކުގެ ތެރެއިން ޗައިނާއަކީ އިތުބާރު ކުރެވޭނެ ތަރައްގީގެ ޕާޓްނަރެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކާންގުގެ ސަފީރު ކަމުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން ބޭއްވެވި ވަދާއީ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަފީރު ވަންގުގެ ސަފީރު ކަމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެފައިވާކަމަށެވެ.

އެގޮތުން، ޗައިނާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިސާދު އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އުފައްދާފައިވާ "އެގްރީމަންޓް އޮން އެސްޓެބްލިޝިންގް ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން،" އަދި ރާއްޖެއާ ޗައިނާއާއި ދެމެދު ގާއިމް ކުރެވޭ ފްރީ ޓްރޭޑް އެގްރީމެންޓުގެ ވާހަކަ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގުގެ ވަދާއީ ހަފްލާގެ ތެރެއިން: --- ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން ފަތުރުވެރިކަމުގައި ޗައިނާގެ އިންވެސްޓްމަންޓްތައް ވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ އާ ރަންވޭގެ މަސައްކަތް ނިމުމުން އެކަމުގެ ޝުކުރު ދިވެހިން ޗައިނާއަށް އަދާކުރާއިރު މި މަސައްކަތްތަކަކީ ސަފީރު ވަންގްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި އޭނާއަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގުގެ ވަދާއީ ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި ވިދާޅުވީ، ވަންގަކީ ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ތެރެއިން ހަރަކާތްތެރި، މަޝްހޫރު އިހްތިރާމް ލިބިގެންވާ ސަފީރެއް ކަމަށާއި ސަފީރަށް އަބަދުވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ސަފީރުގެ މަސައްކަތުން ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީ ދެކިލަން ކުރިއަށް އޮތް މުސްތަގްބަލުގައި ރާއްޖެ ވަޑައިގަތުމަށް އެދިވަޑައިގަތެވެ.

ސަފީރު ވަންގްގެ ވަދާއީ ހަފްލާގައި ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބައެއް ސަފީރުންނާއި ރާއްޖޭގައި ދިރިއުޅޭ ބައެއް ޗައިނާ ރައްޔިތުން ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް