މޫނު ބުރުގާ އަޅާތީ ކަމަށް ބުނެ، ވަޒީފާއިން ވަކިކޮށް ބާކީ ކޮށްލުމަކީ ދީނަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔާ ސަލަފުން ބުނެފި އެވެ.
މޫނު ބުރުގާ އަޅާ ކަމަށް ބުނެ ދާދި ފަހުން ވަނީ ބ. ކަމަދޫ ސުކޫލުގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފަ އެވެ.
މޫނު ބުރުގާ އަޅާ މީހުން ސިވިލް ސާވިސްގެ ވަޒީފާތަކުން ވަކިކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކާކުކަން ނޭނގޭނެތީ" އޭ ބުނެ އަންހެން ޓީޗަރުންތަކެއް ވަޒީފާއިން ވަކިކޮށް އަނެއް ބަޔަކު ވަޒީފާއިން އެކަހެރިކޮށް ދަތިކުރުމަކީ އިސްލާމްދީނުގެ މައްޗަށް ކުރެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.
އެހެންކަމުން ކަމާބެހޭ މުއައްސަސާތަކުން ސަމާލުވެ "މި ހިނދުން މި ހިނދަށް" ގާނޫނުތަކާ ގަވާއިދުތަށް އިސްލާމީ ފޭރާމާ ދެކޮޅު ނޫން ގޮތަށް އިސްލާހު ކުރުމަށް ސަލަފުން ވަނީ ގޮވާލާފަ އެވެ.
ސަލަފް ޖަމިއްޔާ އިން ދިވެހިންނަށް ވަނީ ވަސިއްޔަތެއް ވެސް ކޮށްފަ އެވެ. އެއީ މުސްލިމު އަންހެނުންގެ އިއްފަތްތެރިކަމުން ނެރެ ބަރަހަނާ ކުރުމަށް ބައެއް ޖަމިއްޔާތަކުން ކުރަމުންދާ ލާދީނީ ހަރަކާތްތައްކަށް ސަމާލުވެ ތިބުމެވެ.
"...އިސްލާމީ އުޞޫލުތަކާ ޚިލާފަށް ދެ ޖިންސުގެ މީހުން އެއްވެ މަސްހުނިނުވާނެ ގޮތަށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާ އެކު ދިވެހިރާއްޖޭގެ އެންމެހާ ވަޒީފާތަކެއް އަދާކުރެވޭނެފަދަ 'ވަޒީފާގެ އިސްލާމީ ވެއްޓެއް' ޤާއިމުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނަށް އިލްތިމާސްކުރަން،" ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޫމޫނުބުރުގާ އަޅައިގެން ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްފައިވާ ބައެއް އަންހެން ކަނބަލުންނަކީ އެ ކަނބަލުންގެ ކިޔަވައިދިނުމާއި، ދަރިވަރުންގެ ފެންވަރުމަތިކުރުމުގައި ފާހަގަ ކުރެވޭފަދަ ރަނގަޅު ނަތީޖާ ދައްކާފައިވާ ޓީޗަރުން ކަމަށާއި އެކަމަށް ބެލެނިވެރިން ހިމެނޭ ގޮތަށް އެތައް ބަޔަކު ހެކިވާނެ ކަމަށް ސަފަލުން ބުންޏެވެ.
ވަޒީފާގެ ބިރަށް މޫނު ބުރުގާ ނުބާލައި ތިބި ފަރާތްތަކަށް ސަލަފު ޖަމިއްޔާއިން ވަނީ "ސާބަސް" ދީފަ އެވެ.