ތެލުވެލިގާއާ ހަވާލުވި ކުންފުނިން ދޮޅު ލައްކައަށް ވުރެ ގިނަ ޑޮލަރު ދައްކަން ހުކުމްކޮށްފި

މީރާގެ އޮފީހަށް މީހަކު ވަންނަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ރިސޯޓެއް ތަރައްގީ ކުރުމަށް ރީޓްރީޓް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ އދ. ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާއަށް އަށްވާ ދޮޅު ލައްކަ އަށްވުރެ ގިނަ ޑޮލަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ތެލުވެލިގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ރީޓްރީޓް ޕްރައިވެޓް ލިމިޓެޑަށް ދިން މުއްދަތުގެ ތެރޭގައި ދައްކަން ޖެހޭ ކުލި ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކުލި ނުދައްކައި އޮތުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އާއި ކުލީގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ކުންފުނިން މީރާއަށް ކުލީގެ ގޮތުގައި 71،178 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 103،208.10 ޑޮލަރު ދައްކަން ޖެހެ އެވެ.

ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 174،386.10 ޑޮލަރު އަރާފައިވާ އިރު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޓޫރިސްޓް ރިސޯޓް ނުވަތަ ހޮޓާ ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިވާ އިތުރު 15 ފަރާތެއްގެ މައްސަލަ މިހާރު ވެސް މީރާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް