އިންޓަރ ރިސޯޓް ވޮލީ މުބާރަތުގެ ޒޯން 5 ފައިނަލް މެޗު ސޮނެވާގައި ބާއްވަން ދިޔަ ވޮލީ އެސޯސިއޭޝަންގެ އިސްވެރިން އެ ރަށަށް ނޭރުވުމުން ހިނގާ ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފައިނަލް މެޗު އެ ރަށުގައި ނުބާއްވާ ގޮތައް ހަމަޖައްސައިފިއެވެ.
ޒޯން 5 ގެ ފައިނަލްގައި ވާދަކުރަނީ އަނަންތަރާ އަދި ސޮނެވާ ފުށްޓެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ބުނީ މިއަދު ބާއްވަން އުޅުނު ފައިނަލް މެޗު ސޮނެވާފުށީގައި ނުބާވަން ނިންމީ އެ އެސޯސިއޭޝަންގެ ހިންގަ ބޯޑުގެ ބައްދަލުވުމަކަށްފަހު ކަމަށެވެ. އަދި ސޮނެވާ އިން އެ އެސޯސިއޭޝަންގެ އިސްވެރިން އެ ރަށަށް ނާރުވަން ނިންމީ ކޮން ސަބަބަކާހުރެ ކަމެއް އޮފިޝަލް ބުނެފައެއް ނުވެއެވެ.
ސަން ސްޕޯޓްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނެވާއިން އެގޮތަށް ނިންމީ ވޮލީ އެސޯސިއޭޝަންގެ އިސްވެރިންގެ ތެރޭގައި އެ ޓީމުން ހިތްހަމަ ނުޖެހޭ މީހަކު ހުރުމުންނެވެ. އަދި ސޮނެވާއިން އޭނާ އަށް ނޭރޭނެ ކަން އެންގުމުން އެސޯސިއޭޝަންގެ އިތުރު މެމްބަރުން ވެސް އެ ރަށަށް ދާން ބޭނުން ނުވީ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ޔަގީން ކުރުމަށް ސޮނެވާ ޓީމުގެ އޮފިޝަލަކަށް ގުޅޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
ސޮނެވާގައި ފައިނަލް މެޗު ނުބާއްވާ ގޮތަށް ނިންމާފައިވާއިރު ދެން އެ މެޗު ބާއްވާނީ އަނަންތަރާގައި ކަން ސަން އަށް ވަނީ ކަށަވަރުވެފައެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި ވޮލީ އެސޯސިއޭޝަނުން އެކަން އިއުލާންކުރާނެއެވެ. އެ މެޗު ކުޅޭނީ މާދަމާއެވެ.