މޫސުމީ ބަދަލުތަކަށް ހުރިހާ ފަންތިއެއްގައި ރާއްޖެ އަޑު އުފުލާނެ: ތާރިގު

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި މިއަދު ފެށި މައުރަޒުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރިހާ ފަންތިއެއްގައި ރާއްޖޭގެ އަޑު އުފުލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޯޒޯން ފަށަލަ އާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ދައްކާލުމަށް ދަރުބާރުގޭގައި މިއަދު ފެށި މައުރަޒުގައި ހުރެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ފިނިކުރުމުގެ އާލާތްތައް ބޭނުންކުރާ އަދަދު ގިނަ ގައުމަކަށްވާއިރު މޫސުމަށް އަންނަ ބަދަލުތަކާ އޯޒޯނަށް ގެއްލުން ދޭ ގޭސް މަދުކުރުމަށް ރާއްޖޭން އިސްނެގުންތަކެއް ނަގަމުންދާ ކަމަށެވެ.

އެގޮތުން އޯޒޯން ފަށަލައަށް ކުރާ ގެއްލުން ކުޑަކޮށް ދުނިޔެ ހޫނުވުން ދަށް ކުރުމަށްޓަކާ އޯޒޯން ފަށަލައަށް އެންމެ ގެއްލުން ބޮޑު ސީއެފްސީ (ކުލޮރޯފުލޮރޯކާބަން) ގޭސް ރާއްޖެ އެތެރެކުރަން ހުއްޓާލާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެޗްއެފްސީ (ހައިޑްރޯފުލޮރޯކާބަންސް) ވެސް މަދުކުރުން ކަމަށާއި އެ ގޭސް އެތެރެކުރުން ހުއްޓާލުމަށް އޭގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެށްޓާއި ރައްޓެހި ނުވަތަ ގްލޯބަލް ވޯމިން ޕޮޓެންޝިއަލް (ޖީޑަބްލިއުޕީ) ދަށް ގޭސްތަކެއް ބޭނުން ކުރާ އާލާތްތަކެއް ތައާރަފު ކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މޫސުމަށް އަންނަ ބަދަލުތަކާ ވިދިގެން ކުރެވެން ހުރި ހުރިހާ ކަމެއް ރާއްޖޭގެ ލެވެލްގަ އާއި އިންޓަނޭޝަނަލް ލެވެލްގައި އަޑުއުފުލާނަން. އެކަމަށް މި ސަރުކާރުން އިސްކަމެއްދޭ،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއިން މަސައްކަތްކުރާނީ މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމުގެ ކުރީ ސަފުގައި ތިބެ، ރާއްޖެއަށާއި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މުހިއްމު ކަންތައްތަކުގައި އަޑުއުފުލާ އެކަންކަން ހާސިލްކުރުމަށް ކަމަށެވެ.

"އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ"ގެ ނަމުގައި މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ އެ މައުރަޒަކީ ވިހިވިހީގެ ކުރިން ހައިޑްރޯ ކުލޮރޯ ފުލުރޯ ކާބަންސް (އެޗްއެފްސީސް) ގޭސް ހުއްޓާލުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން ފެށި މައުރަޒެކެވެ.

comment ކޮމެންޓް