އަށާރަ ވަނަ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން 5ގެ ފައިނަލަށް އަނަންތަރާ އަދި ސޮނެވާފުށި ރިސޯޓް ދަތުރުކޮށްފި އެވެ.
އަމިއްލަ ފުށީގައި ކުރިއަށްދާ އެ މުބާރަތުގެ ފައިނަލަށް ސޮނެވާފުށީ ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އަމިއްލަ ފުށީ މައްޗަށް ކުރި ހޯދައިގެންނެވެ.
އިއްޔެ ކުޅުނު އެ މެޗުގެ ސެޓްތައް ސޮނެވާއިން ގެންދިޔައީ 25-20، 25-16 އަދި 25-23 އިންނެނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސޮނެވާގެ އަލީ ހުޒާމެވެ.
އެ މުބާރާތުގެ ފައިނަލުން އަންނަތަރާ ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ޒޯން 5 ގެ ތިންވަނަ އަކީ އަމިއްލަ ފުއްޓެވެ.
ޒޯން ފަހެއްގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އަމިއްލަ ފުށީގައެވެ.
އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ އެކިއެކި ޒޯން ތަކުން އެއްވަނަ ހޯދާ ޓިމުތައް އަދި ރޭންކް އެންމެ މަތީ ޓީމުތައް ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު މުބާރަތަށް ކޮލިފައިވެފައި ވަނީ ކޮންރެޑް މޯލްޑިވްސް، ގްރޭންޑް ޕާކް ކޮށްދިއްޕަރު، ބަނޑޮސް މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް އަދި ޖުމެއިރާ ވިޓަވެލިއެވެ.
މި އަހަރުގެ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރަތުގައި 21 ރިސޯޓަކުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ.