ލުކާކޫގެ ދެ ލަނޑާއެކު ވެސްޓް ހާމް އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ކޮޅަށް ލަނޑެއް ޖެހުމަށްފަހު، ޔުނައިޓެޑްގެ ލުކާކޫ އުފާފާޅުކުރަނީ: މިރޭ ކުޅުނު އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ ރޮއިޓާސް

ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫގެ ދެ ލަނޑާއެކު ވެސްޓް ހާމް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި ވެސްޓް ހާމްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަކީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން ލީޑު ހޯދީ 33 ވަނަ މިނެޓުގައެވެ. މާކަސް ރަޝްފާޑް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެވަޓަނުން ޔުނައިޓެޑާ ގުޅުނު ފޯވަޑް ލުކާކޫއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓް ފަހުން ލުކާކޫ ވަނީ އިތުރު ލަނޑެއްޖަހާ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. ލުކާކޫ އެ ލަނޑު ކާމިޔާބުކުރީ ހެންރިކް މިކިތާރިޔަން ނަގައިދިން ހުރަސް، ވެސްޓް ހާމްގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވުމާއެކު ލިބުނު ފުރުސަތުންނެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 87 މިނެޓުގައި މިކިތާރިޔަން ދިން ބޯޅައަކުން ޔުނައިޓެޑްގެ ތިން ވަނަ ލަނޑު އެންތޮނީ މާޝިއަލް ކާމިޔާބުކޮށްދިންއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ.

މިއަދު ކުޅުނު ލީގު މެޗުގައި ނިއު ކާސަލް ޔުނައިޓެޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 61 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ޑެލީ އަލީ ލީޑު ހޯދައިދިންއިރު، މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ބެން ޑޭވީސްއެވެ.

comment ކޮމެންޓް