އަކްޝޭގެ 'ޓޮއިލެޓް'އަށް ރަނގަޅު ފެށުމެއް!

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ސުޕަސްޓަރ އަކްޝޭ ކުމާރުގެ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އިން ފުރަތަމަ ދުވަހު ވެސް ރަނގަޅު އާމްދަނީއެއް ހޯދައި ފެށުން ރަނގަޅުކޮށްފިއެވެ.

ޝާހްރުކް ޚާން އަދި އަނުޝްކާ ޝަރްމާގެ 'ޖަބް ހެރީ މެޓް ސޭޖަލް' ބޮކްސްއޮފީހުގައި ފްލޮޕްވުމުން، 'ޓޮއިލެޓް'އަށް ގިނަ ބަޔަކު ތިބީ އިންތިޒާރު ކޮށްގެންނެވެ.

ގިނަ ބައެއްގެ އުންމީދުތަކާ އެއްގޮތަށް 'ޓޮއިލެޓް' ވެގެން ދިޔައީ ރަނގަޅު ފިލްމަކަށެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 13 ކުރޯރު ރުޕީޒް ލިބިފައެވެ.

މީގެ ކުރިން ރިލީޒް ކުރި އަކްޝޭގެ 'ޖޮލީ އެލްއެލްބީ 2' އަދި 'ރުސްތަމް' އަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 13.20 ކުރޯރު އަދި 14.11 ކުރޯރު ރުޕީޒް އެވެ. އެ ފިލްމަތަކާ އަޅާބަލާއިރު، 'ޓޮއިލެޓް'ގެ ފުރަތަމަ ދުވަހުގެ އާމްދަނީ ދަށް ނަމަވެސް، ހަފްތާ ތެރޭގައި ފިލްމު ބަލަން ދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ 3000 ސްކްރީނުގައި ފިލްމު ރިލީޒް ކޮށްފައި ވާއިރު، އޮކިއުޕެންސީ ރޭޓް އުޅެނީ 30 ޕަސެންޓު އަދި 35 ޕަސެންޓުގައެވެ.

'ޓޮއިލެޓް' އިން ފުރަތަމަ ދުވަހު 13 ކުރޯރު ހޯދި އިރު، އެ ފިލްމު އުފައްދާފައި ވަނީ 18 ކުރޯރުގެ ބަޖެޓަކުންނެވެ.

'ޓޮއިލެޓް' އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ.

ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި އަކްޝޭ އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ބޫމީ ޕެދްނޭކަރު އެވެ.

comment ކޮމެންޓް