ޔުނައިޓެޑް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ޗެލެންޖާ ކުރިމަތިލާން މޮރީނިއޯ ތައްޔާރު

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ: ސީޒަނަށް ތައްޔާރު ކަމަށް އޭނާ ބުނޭ -- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑް ގޮވައިގެން އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެލެންޖާ ކުރިމަތިލާން ތައްޔާރު ކަމަށް އޭނާ ބުނެފިއެވެ.

ޔުނައިޓެޑަށް މޮރީނިއޯ އިރުޝާދުދިން ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނަ ހޯދުނު ނަމަވެސް، މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ތަށްޓާއެކު އެ ކްލަބަށް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބިފައެވެ. މި ސީޒަން ވެގެންދާނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގަށެވެ.

ޔޫރޮޕާ ލީގުގެ އިތުރުން މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕް ވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގާ ޔުނައިޓެޑް ކުރިމަތިލާއިރު އެ ޓީމުން ވަނީ މުހިންމު ކުޅުންތެރިންތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ރޮމެލޫ ލުކާކޫއާއި ނަމެންޔާ މަޓިޗް އަދި ވިކްޓާ ލިންޑެލޮފް ހިމެނެއެވެ.

"އަހަރެން ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރާ ގޮތަށް މަސައްކަތްކުރުން. އަހަރެން އިތުރު ޕްރެޝަރަކާ ކުރިމައްޗެއް ނުލަން. އެއީ އަހަރެން އަބަދުވެސް މަސައްކަތްކުރަނީ އަހަރެންނަށް ކުރެވޭނެ އެންމެ ރަނގަޅަށް ކަމުގައި ވާތީ. މި ކުޅުންތެރިންނާއެކު މި ސީޒަނަށް ތައްޔާރު. ޗެމްޕިއަންސް ލީގުގައި ވަރުގަދަ ކްލަބުތަކާ ދެކޮޅަށް ނުކުންނަން މިހުރީ ކެތްމަދުވެފައި،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، ކުރިއަށްވުރެ ބޮޑަށް މިހާރު ޔުނައިޓެޑް ޓީމަށް އޭނާ ކުރާ މަސައްކަތް ބޮޑުވާނެ ކަމަށާއި ސީޒަން ނިމުމަކަށް އައުމުން ނަތީޖާ ފެންނާނެ ކަމުގައި ގަބޫލުކުރާ ކަމަށެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަށް ޔުނައިޓެޑް މިރޭ ނުކުންނަން ޖެހޭނީ ވެސްޓް ހާމްއާ ދެކޮޅަށެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗު ފެށޭނީ ރާއްޖޭގަޑިން މިރޭ 8:00ގައެވެ.

comment ކޮމެންޓް