ނޭޕާލުގައި ބިންގަނޑުކަނޑައިގެން ގޮސް އަދި ފެންބޮޑުވުމުގެ ސަބަބުން 36 މީހުން މަރުވެއްޖެ

ނޭޕާލަށް ކުރަމުންގެންދާ ވިއްސާރާގައި އެގައުމުގެ އިރުމަތީ އަވަށެއްގައި ފެންބޮޑުވެފައި --- ފޮޓޯ: އޭއެފްޕީ

މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ނޭޕާލުގައި 36 މީހަކު މަރުވެއްޖެއެވެ.

ނޭޕާލަށް މިދުވަސްކޮޅު ކުރަމުން ގެންދާ މޫސުމީ ވިއްސާރާއިގައި މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގެ ގިނަ ސްޓޭޓްތަކެއްގައިވަނީ ފެންބޮޑުވެފައެވެ.

އެގައުމުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހާމަކުރާ ގޮތުގައި ނޭޕާލުގެ ސުންސަރީ ސަރަހައްދުން ހަތް މީހަކު މަރުވެފައިވާއިރު ސިންދުލީ އަދި ޖާޕާ އިން ވަނީ އަށް މީހުން މަރުވެފައެވެ. އަދި ބަންކޭ، މޮރާންގް އަދި ޕަންޗްތާރު ސަރަހައްދުތަކުން، ކޮންމެ އަވަށަކުން ތިން މީހުން މަރުވެފައިވާކަމަށް އެމިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ނޭޕާލުގެ ގިނަ އަވަށްތަކެއްގައި ފެންބޮޑުވެެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެތައް ސަތޭކަ ބައެއްވަނީ އެހީތެރިކަމަށް ބޭނުންވެފައި --- ފޮޓޯ: އެންޕީއާރު

ނޭޕާލުގެ ގިނަ ހިސާބުތަކަކުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމުގެ ސަބަބުން އެތައްބައެއްގެ ގެދޮރު ގެއްލި ގިނަބަޔަކަށްވަނީ ބޯހިޔާވަހިކަން ބޭނުންވާ ހާލަތަށް ގޮަސްފައެވެ. މިހާދިސާގައި ސަތޭކައަށް ވުރެ ގިނަ އާއިލާތައް ވަނީ ރައްކާތެރި ހިސާބުތަކަށް މިހާރު ބަދަލުކޮށްފައެވެ.

ނޭޕާލަށް ކުރިމަތިވި އެ ހާދިސާއާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޝޭރް ބަހާދުރ ދެއުރާ ވަނީ ކެބިނެޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި އެކަމާ ބެހޭގޮތުން ކުއްލި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފައެވެ. އަދި ވީހާވެސް އަވަހަކަށް ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ނުރައްކާވާ ފަދަ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނޭޕާލުގެ އިރުމަތީ އަވަށެއް ކަމުގައިވާ އިތަހާރީގައި ފެންބޮޑުވުމުގެ ސަބަބުން އެތައްބަޔަކު ހާލުގައި ޖެހިފައި --- ފޮޓޯ: އެންޕީއާރު

ނޭޕާލުގެ ހޯމް މިނިސްޓަރު ޖަނާދަން ޝަރްމާ ވިދާޅުވިގޮތުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މީހުން ސަލާމަތްކުރަން ހަރަކާތްތެރިވާ އޮޕިޝަލުންނަށް މިހާރުވާނީ އަންގަވާފައެވެ. އަދި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކުރުމުގެ މަސައްކަތް ދާނީ ގާތުން ބަލަމުންނެވެ.

ނޭޕާލަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކަކީ ޖާޕާ، މޮރާންގް، ސުންސަރީ، ސަޕްތާރާ، ސިރަހާ، ސާރްލާހީ، ރައުތަހަތު، ބަންކޭ، ބަރުދިޔާ އަދި ޑާންގް އަށެވެ.

އެ ހާދިސާގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދު ކަމަށްވާ މޮރާންގްގައި ގިނަ ގެތަކެއްވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. އަދި ބިރާތްނަގަރުގެ އެއާޕޯޓު މިހާރުވަނީ އެސަރަހައްދަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން ބަންދުކޮށްފައެވެ.

comment ކޮމެންޓް