ރާއްޖެ އެތެރެކުރާ ބިސްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މޮނިޓަރ ކުރަން ފަށައިފި

ފިޕްރޯނިލް ފެނުމާއިއެކު ނެދަލެންޑްސް، ބެލްޖިއަމް، ޖަރުމަނު އަދި ފްރާންސްގެ ބިސް އުފައްދާ ކުންފުނިތަކުން ވަނީ މިލިއަނެއްހާ ބިސް ނައްތާލާފައި

ޔޫރަޕްގެ 15 ގައުމަކާއި ހޮންގްކޮންގް އަދި ސްވިޒްލޭންޑަށް އެތެރެކުރި ބިސްތަކަކުން ފިޕްރޯނިލް ހުރިކަން ހާމަކޮށްފައިވާތީ ރާއްޖެ އެތެރެކުރާ ބިސްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މޮނިޓަރ ކުރަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ރާއްޖެ އެތެރެކުރާ ބިސްތައް ޗެކްކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަޅާނެ ކަމަށެވެ.

ޔޫރަޕުން ފަނިފަކްސާ ފަދަ ތަކެތި މެރުމަށްބޭނުން ކުރާ ފިޕްރޯނިލް އެންމެ ގިނައިން ފެނިފައިވަނީ ނެދަލޭންޑުން އެތެރެކުރި ބިސްތަކަކުންނެވެ.

ފިޕްރޯނިލް އަކީ، ޔޫރަޕްގައި ކާބޯތަކެތި އުފައްދާ ކުންފުނި ތަކުގައި ބޭނުންކުރުން މަނާ ކޮށްފައިވާ އެއްޗެކެވެ.

ބެލެވޭ ގޮތުގައި ކުކުޅުގައި ހުންނަ ފަނިތައް މެރުމުގެ ގޮތުން މި ބޭސް ބޭނުން ކޮށްފައިވާތީ ބިސްތަކަށް އޭގެ އަސަރު ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިޕްރޯނިލް އަދި އެހެންވެސް ފަނިފަކުސާމެރުމަށް ބޭނުންކުރާ ބޭސްތައް ވަކިވަރަކަށްވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ އިންސާނާގެ ހަށިގަނޑަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް ސިއްހީމާހިރުން ބުނެއެވެ.

ކާބޯތަކެއްޗާ ބެހޭ އެޖެންސީތަކުން މިހާރުދަނީ މި ބިސް ބޭނުން ކޮށްފައިވާ މީހުން ހޯދައި، އެފަރާތްތަކަށް ލިބިދާނޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިހުގައި ފްލިޕަރޯނިލް އެކުލެވިފައިވާކަން ކަމާބެހޭ ފަރާތްތަކުން ޔަގީންކުރުމާއެކު ނެދަލެންޑްސް، ބެލްޖިއަމް، ޖަރުމަނު އަދި ފްރާންސްގެ ކުކުޅު އެކްސްޕޯޓް ކުރާ ކުންފުނިތައްވަނީ ބަންދުކޮށްފައެވެ.

އެ ގައުމުތަކަކީ އީޔޫއަށް ބިސް އެތެރެކުރި ގައުމުތަކެވެ. އެ ގައުމުތަކުގެވެސް ބާޒާރުގައި ހުރި މިލިއަނެއްހާ ބިސްތައްވަނީ ނައްތާލާފައެވެ. އަދި ބިސް ބޭނުންކޮށްގެން ކާބޯތަކެތި އުފައްދާ ކުންފުންޏާއި ރެސްޓޯރަންޓްތައް ވެސް ވަނީ އެލާޓަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން އަންނަ ސެޕްޓެމްބަރު 26ގައި ޔޫރަޕްގެ ގައުމުތަކުގެ މިނިސްޓަރުންނާއި ރެގިއުލޭޓަރުން ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެ މައްސަލާގައި އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމް އެޅުވުން ހުއްޓާލުމަށް ވެސް އެ ގައުމުތަކުގެ ކާބޯތަކެއްޗާ ބެހޭ ފަރާތްތަކުންވަނީ ގޮވާލައިފައެވެ.

ވިލާތުގެ ކާބޯތަކެއްޗާ ބެހޭ އިދާރާއިން ބުނާގޮތުގައި އާންމުންގެ ސިއްހީ ހާލަތަށް މާބޮޑު ގެއްލުމެއް ވެފައިވާނެކަމަށް ގަބޫލުނުކުރެވެއެވެ.

comment ކޮމެންޓް