އަދީބުގެ މައްޗަށް ކުރި ނުވަ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

04 އޭޕްރީލް 2017: އަހްމަދު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުވަ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި އެވެ.

އެމައްސަލައިގެ ލިޔުންތައް މިދިޔަ ހަފްތާގެ ތެރޭގައި އަދީބާ ހަވާލު ކޮށްފައި ވާއިރު އެމައްސަލަތަކުގެ ޝަރީއަތްތައް އަދި ތާވަލްކޮށްފައެއްނުވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ 58 ރަށުގެ މައްސަލައިގެ ތެރެއިން ނުވަ ރަށެއް ކުއްޔަށްދޫކުރި މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ.

އަދި ބާކީ ހުރި 49 ރަށުގެ މައްސަލަ އަދިވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ތިން މިލިއަން ޑޮލަރަށް ޚިޔާނާތްވިކަން ސާބިތުވެ، އަދީބާއި ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އަށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ.

އަދި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި އަދީބުގެ މައްޗަށް މީގެކުރިން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލައިފަ އެވެ.އަދި އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްވި ކަމުގެ ދައުވާ ޒިޔަތުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

comment ކޮމެންޓް