ރައީސަށް އޮތް ތާއިދު ދައްކާލުމަށް 25 ރަށެއްގައި ޕީޕީއެމްގެ ހަރަކާތްތަކެއް

ޕީޕީއެމް އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު ތިބިކަން ހާމަކުރުމަށް 'ތަރައްޤީއާ އެކު ރައްޔިތުން'ގެ ނަމުގައި އަތޮޅު ތެރެއާއި މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ނިންމައިފި އެވެ.

އެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ އެ ހަރަކާތުގައި ޖުމްލަ 25 ރަށް ހިމެނޭ ކަމަށެވެ.

"ބައެއް ތަންތަނުގައި ސައިކަލް ބުރު ޖަހާނެ. އަނެއް ރަށްރަށުގައި ހިނގާލުން އޮންނާނެ. އެނެއްބައި ތަންތާންގައި ބަނދަރު މައްޗަށް އެއްވެ ޝުއޫރު ފާޅުކުރަމުން ގެންދާނެ. އަނެއް ބައި ތަންތާންގައި ޖަގަހަތަކަށް އެއްވެ ޕޯޑުއަމްތަކުގައި ވާހަދައްކަވަމުން ގެންދަވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މާލޭގައި މާދަމާއިން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށް ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އަތޮޅު ތެރޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެކަންޏެވެ. ހުރިހާ ހިސާބެއްގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަވީރު ހަތަރަކުން އިން ފެށިގެން އިރުއޮއްސި ހައެއް ޖަހަން ޖެހުމާ ހަމައަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މާލޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހެމަޖެހިފައި ވަނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނޫން ކަމަށާއި މާލޭގައި ކުރިއަށް ގެންދުއުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.

comment ކޮމެންޓް